ޚަބަރު

އިނގިރޭސި ބޮޑުވަޒީރު ޕާސަނަލް ޓުރެއިނަރެއްގެ ޚިދުމަތް ހޯއްދަވަނީ


މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ކޯވިޑް-19ގެ ސަބަބުން ވަރަށް ބޮޑު އާލާސްކަންފުޅަކާ ކުރިމަތިލެއްވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޕާސަނަލް ޓުރެއިނަރެއްގެ ޚިދުމަތް ހޯއްދަވަން ފައްޓަވައިފިއެވެ.

ކޯވިޑް-19 ޖެހުނު އިރު އޭނާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުކަމަށާއި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުންދާކަމަށް ބޮޑުވަޒީރު ޖޮންސަންވަނީ ވިދާޅުވެފައެވެ. އެގޮތުން މަޝްހޫރު ޕާސަނަލް ޓުރެއިނަރެއްކަމަށްވާ ހެރީ ޖޭމްސަންގެ ޚިދުމަތްތައް އޭނާދަނީ ހޯއްދަވަމުންނެވެ. ހެރީ ޖޭމްސަން ބުނީ ބޮޑުވަޒީރަށް ބުނެދެމުންދާ ކަސްރަތުތަކަކީ ހަށިގަނޑުގެ ދުޅަހެޔޮކަމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޮޑަށް އަމާޒުކޮށްފައިވާ ކަސްރަތުތަކެއް ކަމަށެވެ.

ކޯވިޑް-19 ޖެހުމުން ބޮޑުވަޒީރު ޖޮންސަންގެ ޙާލަތު ވަރަށް ބޮޑަށް ދަށަށްގޮސް އޭނާއަށްވަނީ އައިސީޔޫގައި ކުއްލި ފަރުވާދީފައެވެ. އެ ހާދިޘާއަށްފަހު އޭނާގެ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އައު މަސައްކަތްތައް ކުރުމަށް ހިތްވަރު ލިބުނުކަމަށް ބެލެވެއެވެ. ލޮނާއި ފެޓްސާއި ހަކުރު ގިނައިން ހުންނަ ބާވާތްތަކުން ނަގާ ޓެކްސްފަދަ ޢަދަދުތައް އިތުރުކުރުމާމެދު މީގެ ކުރިން ފާޑުވިދާޅުވެފައިވާ ޖޮންސަންވަނީ ޤައުމުގައި ކޯވިޑް-19 ދެވަނަ ފަހަރަށް ފެތުރުމުގެ ކުރިން ޤައުމުގެ ރައްޔިތުންގެ ބަރުދަން ލުއިކޮށް ދުޅަހެޔޮކަމަށް ސަމާލުކަން ދޭންޖެހޭކަމަށް މިދިޔަ ޖުލައި މަހުގައި ވިދާޅުވެފައެވެ.

ޕާސަނަލް ޓުރެއިނާ ހެރީ ޖޭމްސަނަކީ ކުޅިވަރާބެހޭ ސައިންސާއި ސައިކޮލޮޖީގެ ދާއިރާއިން ތަޢުލީމު ޙާޞިލްކޮށްގެން ހުރި ދާއިރާގައި ފުންނާބު އުސް މީހެކެވެ. ޕާސަނަލް ޓުރެއިނަރެއްގެ ގޮތުގައި ފާއިތުވި 15 އަހަރު މަސައްކަތްކޮށްފައިވާ ޖޭމްސަންވަނީ މަޝްހޫރު ގިނަ ބަޔަކަށް ޚިދުމަތްތައް ފޯރުކޮށްދީފައެވެ.