ދުނިޔެ

ޔަމަނުގެ ހަތިޔާރު ގުދަނަކަށް ހަމަލާދޭތަން ދައްކުވާދޭ ވީޑިއޯއެއް

ޔަމަނުގެ މަޣްރިބުގައި ސައުދީގެ ގުޅިފައިވާ ކޯލިޝަނުން ހަތިޔާރު ރައްކާކުރާ
ގުދަނަކަށް މިސައިލް ހަމަލާއެއްދޭ މަންޒަރުފެންނަ ކަމަށް ބުނާ ވީޑިއޯއެއް
އާއްމުވެއްޖެއެވެ.



ހޫތީންނަށް ތާޢީދުކުރާ
ޓީވީ ޗެނަލަކުން ދެއްކި މިވީޑިއޯގައި ފެންނަ ހަމަލާގައި ފަސްދޮޅަސް ހަތަރު މީހުން
މަރުވެފައިވާ ކަމަށް އަލް-މަސީރާ ޓީވީން މަޢުލޫމާތުދެއެވެ. 

މަރުވި މީހުންގެ
ތެރޭގައި ސައުދީ އަރަބިއްޔާގެ ގުޅިފައިވާ ކޯލިޝަނަށް ނިސްބަތްވާ ފަސްދޮޅަސް
ސިފައިން ހިމެނޭ ކަމަށްވެސް އެޓީވީން ބުނެއެވެ. މީގެ ތެރޭގައި ހިމެނެނީ އެކުވެރި
އަރަބި އިމާރާތަށް ނިސްބަތްވާ ސާޅީސް ފަސް ސިފައިންނާ ސައުދީ އަރަބިއްޔާއަށް
ނިސްބަތްވާ ދިހަ ސިފައިންނާ ބަޙްރައިނަށް ނިސްބަތްވާ ފަސް ސިފައިންގެ އިތުރުން
ޔަމަނުގެ ހަތަރު ސިފައިން ކަމަށް އަލް-މަސީރާ ޓީވީން ބުނެއެވެ. މިއީ ޔަމަނުގެ
ވެރިކަމުން ދުރުކުރެވިފައިވާ އެޤައުމުގެ ކުރީގެ ރައީސް އަބްދުއް ރައްބު މަންސޫރު
ހާދީ އަނބުރާ ވެރިކަމަށް ގެނައުމަށް ސައުދީ އަރަބިއްޔާއިން އެކުލަވާލި ގުޅިފައިވާ
ކޯލިޝަނަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގެއްލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.