ސިއްހަތު

ސިއްހަތު ޖަމިއްޔާގެ ސަރަހައްދީ ބައްދަލުވުން ޓިމޯރ ލެސްޓްގައި


ޓިމޯރ ލެސްޓްގެ ވެރިރަށް ދިލީގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޑަބްލިއު އެޗް އޯގެ
ރީޖަނަލް ކޮމިޓީ ބައްދަލްވުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒްކޮށްގެން
ޑަބްލިއު އެޗްއޯއިން މަސައްކަތު ބައްދަލްވުމެއް ކުރިއަށް ގެންގޮސްފިއެވެ.



ޓިމޯރ ލެސްޓްގެ ވެރިރަށް ޑިލީގައި ކުރިއަށް ގެންގޮސްފައިވާ މި މަސައްކަތު
ބައްދަލުވުމުގައި މި އަހަރުގެ ރީޖަނަލް ކޮމިޓީ ބައްދަލްވުން ކަވަރ ކުރުމުގައި
ހަރަކާތްތެރިވާ މި ސަރަހައްދުގެ އަށް ޤައުމެއްގެ ނޫސްވެރިންވަނީ ބައިވެރިވެފައެވެ.



މި ވޯކްޝޮޕާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ޑަބްލިއު އެޗްއޯ ސައުތު
އީސްޓް އޭޝިއާ ރީޖަންގެ ޕަބްލިކް އިންފޯރމޭޝަން އެންޑް އެޑްވޮކަސީ އޮފިސަރ
ވިސްމިތާ ގުޕްތާ ސްމިތް ވިދާޅުވީ މި ވޯކް ޝޮޕްގައި ނޫސްވެރިންނަށް މާދަމާގެ ކޮމިޓީ
ބައްދަލްވުމާއި ގުޅޭ ގޮތުންނާއި އަދި ސިއްޙީ ދާއިރާ އައި ގުޅޭ މުހިއްމު މަޢުލޫމާތުތައް
ހިއްސާކޮށްފައިވާ ކަމަށެވެ.



ޑަބްލިއު އެޗް އޯގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި
ރާއްޖޭގެ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ އިއްޔެ
ޓިމޯރ ލެސްޓް އަށް ވަޑައިގެންފައެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޮމިޓީ ބައްދަލްވުމުގެ ސެޝަންއެއް
މިނިސްޓަރ އިރުތިޝާމް އާދަމް ޗެއަރ ކުރައްވާނެއެވެ.



ރީޖަނަލް ކޮމިޓީ ބައްދަލްވުމަކީ ސަރަހައްދުގެ ސިއްޙީ ދާއިރާ ކުރިއަރުވުމަށް
ބޭނުންވާ ކަންތައްތައް ކަނޑައަޅުމަށާއި ސިއްހީ ދާއިރާ ކުރިއެރުމަށް ބޭނުންވާ
ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް އަހަރަކު އެއް ފަހަރު ބާއްވާ
ބައްދަލްވުމެކެވެ. މި ބައްދަލްވުމުގައި ސައުތު އީސްޓް އޭޝިއާގެ 11 ޤައުމުގެ ހެލްތް
މިނިސްޓަރުން ބައިވެރިވެވަޑައި ގަންނަވާނެއެވެ.



މިއީ، ޓިމޯރ ލެސްޓޭގައި ޑަބްލިއު އެޗް އޯގެ ރީޖަނަލް ކޮމިޓީ މީޓިންގެއް
ބާއްވާ ފުރަތަމަ ފަހަރެވެ.



މިބައްދަލުވުން ކުރިއަށްދާނީ ސެޕްޓެމްބަރ މަހުގެ 7 އިން 11 ގެ ނިޔަލަށެވެ.