ޚަބަރު

ބްރެންޓަން ޓެރަންޓު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި


2019ވަނަ އަހަރު ނިއު ޒީލެންޑުގެ މިސްކިތްތަކަކަށް ޙަމަލާދީ 51 މީހުން މަރާލި އޮސްޓުރޭލިއާގެ ބުރެންޓަން ޓެރަންޓު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ދޮން ނަސްލުގެ މީހުންނަކީ އެހެން ނަސްލުތަކަށްވުރެ ދަރަޖައިގެ ގޮތުން މަތީ ބައެއްކަމަށް ޤަބޫލުކުރާ ބްރެންޓަން ޓެރެންޓުވަނީ 51 މީހުން މަރާލުމާއި 40 މީހުން މަރާލުމަށް މަސައްކަތްކުރުމާއި ނިރުބަވެރިކަމުގެ ކުށަށް އިޢުތިރާފިވެފައެވެ. އުމުރުން 29 އަހަރުގެ ޓެރަންޓު މަޢާފެއް ނެތް ގޮތަށް ޖަލަށް ލުމަށް ހުކުމް ކުރައްވަމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވީ ޓެރަންޓުގެ ޢަމަލުތަކަގެ އަދަބެއްގެ ގޮތުގައި އޭނާގެ އުމުރު ހުސްވަންދެން ޖަލަށްލި ނަމަވެސް އެއީ ކުށާ އެކަށީގެންވާ އަދަބެއް ނޫންކަމަށެވެ. އަދި އޭނާގެ ޝިކާރައަކަށްވީ މީހުންނާމެދު އެއްވެސް ހަމްދަރުދީޢެއް އޭނާގެ ހިތުގައި ނެތްކަން ޔަޤީންވާކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. މުޖުތަމަޢުގެ ބައެއް މީހުންނާމެދު އޭނާގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމާއި ނަފުރަތަށް ނިއު ޒީލެންޑު އަދި ދުނިޔޭގެ އެހެން ތަނެއްގައިވެސް ޖާގައެއް ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރީޢަތުގެ އަޑުއެހުންތަކުގައި ވާހަކަދެއްކި ހާދިޘާގައި މަރުވި މީހުން ޢާއިލާތަކުންވެސްވަނީ ޓެރަންޓުގެ ޢަމަލުތަކާމެދު އޭނާ ހިތާމަނުކުރާކަމަށް ބުނެފައެވެ. އޭނާއަށް އެންމެ ހަރުކަށި އަދަބު ދީ އުމުރަށް ޖަލަށްލައި މަޢާފު އެއްވެސް އިރެއްގައި ނުދިނުމަށް އާއިލާތަކުންވަނީ ކޯޓުގައި އެދިފައެވެ. މަޢާފު ހައްޤުވަނީ އިންސާނުންނަށް ކަމަށާއި ޓެރެންޓަކީ އިންސާނެއްކަމަށް ޤަބޫލުނުކުރާކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޝަރީޢަތުގައި ވާހަކަދެއްކި ބައެއް މީހުންބުނީ މުސްލިމުންނާ ދެކޮޅަށް ޓެރެންޓު ދިން ނިރުބަވެރި ޙާމަލާގެ ސަބަބުން މުސްލިމުންނަކީ ނިރުބަވެރިން ނޫންކަން މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައިވާކަމަށެވެ. ހާދިޘާގައި މަރުން ސަލާމަތްވި މީހަކުވަނީ ޖަލުގައި ޓެރެންޓު ހޭދަކުރާނެ ވަގުތުގައި ޤުރުޢާން ބަލައި ކިޔަވާލުމަށް އެދިފައެވެ.

ކުރައިސްޓުޗާޗުގެ މިސްކިތްތަކަށް ޓުރެންޓު ދިން ޙަމަލާ ރާވާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި ގިނަ އަހަރުތަކެއް ވަންދެން އެ ޙަމަލާ ރާވައިފައިވާކަމަށް ޕުރޮސެކިއުޓަރުންވަނީ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައެވެ.