ފަލަސްޠީނުގެ ޣައްޒާގައި ކޯވިޑް-19 ފެތުރޭތީ 48 ގަޑިއިރަށް އިޢުލާނުކުރި ފުރަބަންދުގެ މުއްދަތު އިތުރު 72 ގަޑިއިރަށް އިތުރުކޮށްފިއެވެ.
ޣައްޒާގެ ރެފިއުޖީ ކޭމްޕަކުން ކޯވިޑް-19 ޖެހިފައިވާ ޢާއިލާއެއް ފެނުމުން އެ ސިޓީވަނީ ފުރަބަންދުކޮށްފައެވެ. އޭގެ ކުރިން ކޯވިޑް-19 ޖެހިފައިވާ މީހަކު މުޖުތަމަޢުގެ ތެރެއިން ފެނިފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހިފައިވާ އިތުރު 26 މީހުން ފެނި 2 މީހުން މަރުވުމުން ފުރަބަންދުގެ މުއްދަތު އިތުރުކުރުމަށް ޞިއްޙީ އިދާރާތަކުންވަނީ ނިންމާފައެވެ.
ފުރަބަންދުގެ އުޞޫލުތަކުގެ ދަށުން ޣައްޒާގެ މިސްކިތްތަކާއި މަދަރުސާތަކާއި ވިޔަފާރިތައްވަނީ ބަންދުކޮށްފައެވެ. ގެއިން ބޭރަށް ޢާންމުން ނުނިކުތުމަށާއި ކޮންމެހެން ބޭނުންވާ ސާމާނު ގަތުމަށް ބޭރަށް ނުކުންނަނަމަ މާސްކު ބޭނުންކުރުމަށް އިދާރާތަކުންވަނީ އިރުޝާދު ދީފައެވެ.
ބަލިފެތުރޭ މިންވަރު ޣައްޒާގައި އިތުރުވެފައިވާތީ މަދަނީ އަދި ބައިނަލްއަޤްވާމީ ޞިއްޙީ ޖަމުޢިއްޔާތަކުންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ސަރަޙައްދުގައި އޮތް ފަޤީރުކަމާއި ޞިއްޙީ ފަރުވާ ލިބެން ނެތުމާއި ތޮށްޖެހިފައިވާ ރެފިއުޖީ ކޭމްޕުތަކުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެކަމަށް އެ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ޣައްޒާގައި ޙާރަކާތްތެރިވާ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކުރޮސްގެ ވަފުދުގައި އިސްކޮށް ހުންނަވާ އިގްނާޝިއޯ ކަސަރެސް ގާސިއާ ވިދާޅުވީ ޣައްޒާގެ ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ ވަޞީލަތްތަކާއި ބޭސް ލިބެން ނެތްކަމަށެވެ. ބައިނަލްއަޤްވާމީ އެހީތެރިކަމަށް ގޮވާލައްވަމުން އޭނާ ވިދާޅުވީ ޣައްޒާއަށް ލިބިފައިވަނީ މަދު ޢަދަދެއްގެ މީހުންނަށް ފަރުވާދިނުމުގެ ގާބިލުކަންކަމަށެވެ.