ކުޅިވަރު

މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވާނެ: ފްލިކް


ކުރިޔަށް އޮތް ސީޒަނުގައި ޔޫރަޕުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވާނެކަމަށް އެޓީމުގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

އަންނަ ސީޒަނަށް ޔޫރަޕުގެ ޓްރާންސްފާ މާކެޓް ބާރަށް ކުރިޔަށްދާއިރު ފްލިކް ބުނީ ބަޔާންގެ ވެސް މުހިންމު ކުޅުންތެރިންތަކެއް ގެއްލިދާނެކަމަށެވެ. ބަޔާން ވަނީ މި ސީޒަން ނިމުމުން އެޓީމުގެ ސްޕެއިންގެ ތިއާގޯ އަލްކަންޓާރާ ކޮންޓްރެކްޓް އާނުކުރަން ނިންމާފައެވެ. އެހެންކަމުން އެޓީމުގެ ކުޅުންތެރިޔާ ވިއްކާލާނެކަމަށް ބެލިވިފައިވާއިރު ލޯނު އެއްބަސްވުމުގެ ދަށުން ކުޅެމުންދާ އިވާން ޕެރިސިޗް އެނބުރި އިންޓަ މިލާނަށާއި ބާސެލޯނާއިން ލޯނު އެއްބަސްވުމުގެ ދަށުން ކުޅެމުން އަންނަ ޕްލިޕް ކުޓީނިއޯ ވެސް ލޯނު އެއްބަސްވުން ހަމަވަމުން ކުރީގެ ކުލަބަށް އެނބުރިދާނެކަމަށް ބެލެވެއެވެ.

ޕްލިކް ބުނީ މުހިންމު ކުޅުންތެރިން ދިއުމަކީ ކާމިޔާބީ ތަކުރާރުކުރަން އަންނަ ސީޒަނުގައި ބަޔާނުން ކުރަމުންދާ މަސައްކަތަށް އެޅޭނެ ބޮޑު ހުރެހެއްކަމަށެވެ. އޭނާ ބުނީ މިހާރު މިއޮތް ސްކޮޑަކީ ވަރުގަދަ ސްކޮޑެއްކަމަށާއި ކުޅުންތެރިން ޓީމާ ވަކިވާނަމަ އެތަނަށް އައު ކުޅުންތެރިން ހޯދަން ޖެހޭނެކަމަށެވެ. މި ސީޒަންގައި ހޯދި ތިން ތައްޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ބަޔާން އޮތީ ފެންބޮވައިގަނެފައި ކަމަށާއި އެކާމިޔާބީ ތަކުރާރު ކުރުމަށް ކުރިޔަށް އޮތް ސީޒަނަކީ ޕްރެޝަރ ބޮޑު ސީޒަނަކަށް ވާނެކަމަށެވެ.

ބަޔާން މިއުނިކަށް މި ސީޒަންގައި ތިންތަށި ހޯދައިދިން ކޯޗު ބުނީ ކާމިޔާބު ލިބޭނީ ފައިސާވެސް ހުރެގެންކަމަށާއި މިވުގަތަށް ގިނަ ކާމިޔާބީތަކެއް ކުލަބުން ހޯދާފައިވާކަމަށެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއެކު ޓީމަށް އިތުރު ދިރުން ލިބިއްޖެކަމަށާއި ކުޅުންތެރިން ތިބީ އެކަމާ ވަރަށް އުފަލުން ކަމަށް ފްލިކް ބުންޏެވެ.

ކުރިން ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ފްލިކް ބުނީ މި ކާމިޔާބީގެ ސަބަބުން ޖަރުމަނުގެ ގައުމީ ޓީމަށް ފައިދާތަކެއް ކުރާނެކަމަށެވެ. ޖަރުމަނު ބުންޑެސް ލީގާގެ އައު ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހުއެވެ.