ޚަބަރު

ސްޓޫޑެންޓް ލޯނު ދިނުމުގައި ކޮންމެ ރަށަކަށް ޖާގައެއް ޚާއްސަކުރުމުގެ ވިސްނުން އެބަހުރި - މިނިސްޓަރ


ކޮންމެ ރަށަކަށް ޖާގައެއް ޚާއްސަ ކޮށް، ސްޓޫޑެންޓް ލޯނު ދިނުމުގެ އުޞޫލަށް ބަދަލުގެނައުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވެފައިވަނީ މިއަހަރުގެ ސްޓޫޑެންޓު ލޯނު ދިނުމުގެ އުޞޫލަށް ބަދަލުގެނެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ޚާއްސަކޮށްގެން ލޯން ދޫކޮށްފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ހަޔރަ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވީ އިންތިޚާބީ ދާއިރާތަކުގެ އިތުރަށް ކޮންމެ ރަށަކަށް އެއް ޖާގަ ޚާއްސަކޮށްގެން ލޯން ދޭން ފަށައިފިނަމަ ރަށްރަށުން މަތީ ތަޢުލީމްގެ ފުރުޞަތު ލިބޭ ދަރިވަރުންގެ އަދަދުވެސް އިތުރުވެގެން ދާނެކަމަށެވެ. އަދި މިގޮތަށް ފުރުޞަތުދޭނީވެސް ޝަރުތު ހަމަވާ ދަރިވަރުންނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންތިޚާބީ ދާއިރާތަކުގެ އިތުރަށް ވަކި ވަކި ރަށްތަކަށް މި ފުރުޞަތު ދިނުމުގެ މައިގަނޑު ބޭނުމަކީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާއި އަތޮޅުތަކުގެ ކުދިންނަށް ފުރުޞަތު ދިނުމެވެ.

"މިހާރަށްވުރެ ބޮޑަށް އަތޮޅުތެރޭގެ ކޮންމެ ރަށަކުން ޝަރުތު ހަމަވާ ކުދިންނަށް ލޯން ދިނުމަށް ވިސްނަމުން އެބަދަން. އޭރުން 87 ދާއިރާގެ އިތުރުން ރަށްތަކުން 192 ކުދިންނަށް އެ ފުރުޞަތު ލިބިގެންދާނެ" ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވިއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯން ދޫކޮށްފައިވަނީ 3 ކެޓަގަރީއަކުން 514 ދަރިވަރަކަށެވެ. މީގެ ތެރޭގައި އިންތިޚާބީ ދާއިރާތަކުން ޝަރުތު ހަމަވި 10 ދަރިވަރަކަށް ލޯން ދީފައިވެއެވެ.

މި ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަން މި އަހަރު ލޯނު ލިބޭ ދަރިވަރުން ހޮވާފައިވާނީ އާއްމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްކަމަށެވެ. އަދި މިއަހަރު ލޯނަށް ހުޅުވާލީވެސް އެކަމަށް ބަޖެޓްކޮށްގެންކަމަށާއި ނަމަވެސް މީގެ ކުރިން ލޯން ދޫކޮށްފައިވަނީ ބަޖެޓްނުކޮށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ރާއްޖެ ތަރައްޤީކުރުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ފުރުސަތުތައް ދޭއިރު ކިޔެވުން ނިންމުމަށްފަހު އަނބުރާ އައިސް ޚިދުމަތް ލިބޭކަން ކަށަވަރުކުރެވޭނެ ގޮތެއް ހަދަންޖެހޭކަމަށެވެ. އަދި ރަށުގައި ހުރެގެން މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް މަތީ ތައުލީމު އުނގެނުމުގެ ފުރުސަތު ދޭނަމަ އެ ދަރިވަރު ކިޔަވާ ނިންމައިގެން ރަށަށް ޚިދުމަތް ކުރަން ދިޔުމުގެ ފުރުސަތު ބޮޑުކަމަށް ގަބޫލު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ