ޚަބަރު

ކޯވިޑް-19 ފެތުރޭ މިންވަރު މަދުކުރުމުގައި ޕާކިސްތާނުން ކާމިޔާބުވެއްޖެ


ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދިޔަ ޕާކިސްތާނުގައި ބަލިފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

220 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި މިހާތަނަށް 293،261 މީހުންނަށް ކޯވިޑް-19 ޖެހި 6،341 މީހުންވަނީ މަރުވެފައެވެ. ބަލިކަށި ޞިއްޙީ ނިޒާމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީނުވެ އޮތުމުން ކޯވިޑް-19ގެ ސަބަބުން ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވާނެކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް ބަލިޖެހިފައިވާ މީހަކު އެ ޤައުމުން ފެނުމުގެ ހަ މަސް ދުވަސް ފަހުން ބަލިޖެހޭ މީހުންގެ ޢަދަދުދަނީ އެއްދުވަހަށްވުރެ އަނެއް ދުވަހަށް ދަށަށެވެ. އަދި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 10،091 މީހުންނެވެ. އެއީ އޭޕްރިލް މަހުން ފެށިގެން ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ޢަދަދު އެންމެ ދަށަށް ދިޔަ މިންވަރެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް ދާން ފެށުމުން މާސްކުފަދަ ރައްކާތެރިކަމުގެ ވަޞީލަތްތައް ބޭނުންކުރާ މީހުންގެ ޢަދަދުވެސްވަނީ ދަށަށް ގޮސްފައެވެ.

ގައިންގަޔަށް އަރާ ބަލިތަކާބެހޭ މާހިރުންވަނީ ދެވަނަ ފަހަރަށް ޕާކިސްތާނުގައި ބަލި ފެތުރެން ފަށައިފާނެކަމުގެ އިންޒާރު ދީފައެވެ. އަންނަ މަހުގައި މަދަރުސާތަކާއި ކައިވެނި ހަފްލާތައް ބާއްވާ މާލަންތައް ހުޅުވައި، ދީނީ އެއްވުންތައް ބާއްވަން ފެށުމުން ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވުމުގެ ފުރުޞަތު އޮތްކަމުގެ އިންޒާރު އެ ފަރާތްތަކުންދަނީ ދެމުންނެވެ.

ޕާކިސްތާނުގައި ދުވާލެއްގެ މައްޗަށް 67،340 ކޯވިޑް-19 ތަހުލީލުކުރުމުގެ ގާބިލުކަން ލިބިފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެ ޤައުމުގައި ކުރަމުންދަނީ ގާތްގަނޑަކަށް 23،655 ތަހުލީލެވެ. މީގެ ކުރިން ގިނަ ޢަދަދެއްގެ މީހުން ތަހުލީލުކުރުމަށް ކިޔު ހަދަމުން ދިޔަ ނަމަވެސް ބައްޔަށް ތަހުލީލުކުރަން ބޭނުންވާ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައިކަމަށް އެ ޤައުމުން ބުނެއެވެ. ބައެއް ޞިއްޙީ މާހިރުން ބުނީ ތަހުލީލުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ބަލިޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު މިހާރުވެސް ނޭނގުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ޕާކިސްތާނުގައި ކުރާ ތަހުލީލުތަކުން ބަލިޖެހިފައިވާކަމަށް ދެނެގަނެވޭ މީހުންގެ މިންވަރު ހުރީ 2.09 އިންސައްތައިގައެވެ. ޑަބްލިއުއެޗުއޯއިން ބުނެފައިވާ ގޮތުގައި އެ މިންވަރު 5އަށްވުރެ ދަށުގައި ހުރިނަމަ އެ ޤައުމެއްގައި ބަލިފެތުރޭ މިންވަރު ކޮންޓުރޯލު ކުރެވިފައިވާކަމަށް ބެލެވޭނެއެވެ.

ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ސަރުކާރުން ހިންގާ އެންމެ ބޮޑު ހަސްފަތާލު ކަމުގައިވާ ޖިންނަ ޕޯސްޓުގުރެޖުއޭޓު މެޑިކަލް ސެންޓަރުން ބުނީ ކޯވިޑް-19 ޖެހިފައިވާ މީހުންނަށް އެ ހަސްފަތާލުގައި ޚާއްސަކޮށްފައިހުރި 90 އެނދުގެ ތެރެއިން މިވަގުތު ބަލި މީހުން ތިބީ އެންމެ 14 އެނދުގައިކަމަށެވެ. މިދިޔަ ޖޫން މަހުގައި ބަލިޖެހިފައިވާ މީހުންނަށް އެނދު ނުލިބިގެން ގިނަ ބަޔަކަށް ފަރުވާ ދިނުމަށް ދަތިވި ނަމަވެސް މިއަދުގެ ޙާލަތު ބަދަލުވެފައިވާކަމަށް އެ ހަސްފަތާލުގެ ފަރާތުން ވާހަކަ ދެއްކެވި ޑޮކްޓަރަކު ވިދާޅުވިއެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް ގޮސްފައިވާކަމަކީ ޔަޤީންވެފައިވާކަމެއްކަމަށް އޭނާ ބުންޏެވެ.

ޕާކިސްތާނުން ކޯވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތްތައް އެހާ ކާމިޔާބުވީ މަރުޚަލާތަކަކަށް ބަހާލައިގެން ޤައުމު ފުރަބަންދުކޮށް، ބަލިމީހުންނަށް ފަރުވާދިނުމުގައި ހަސްފަތާލުތަކުން ޢަމަލުކޮށްފައިވާ ގޮތާއި އާބާދީ އެކުލެވިފައިވާ ގޮތުގެ ސަބަބުންކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. މިދިޔަ މާރިޗު މަހުގައި މުޅި ޤައުމު ފުރަބަންދުކޮށް ހުރިހާ ވިޔަފާރިތަކާއި މާރުކޭޓުތައްވަނީ ބަންދުކޮށްފައެވެ. ނަމަވެސް އޭޕްރިލް މަހުގައި މުޅި ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދީ، އޭގެ ބަދަލުގައި ބަލިފެތުރޭ ވަކިވަކި ސަރަޙައްދުތައްވަނީ ފުރަބަންދުކޮށްފައެވެ.