އެފްރިކާއިން ޕޯލިއޯ ނައްތާލެވިފައިވާކަމަށް މިނިވަން މުއައްސަސާއެއްކަމަށްވާ ދަ އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން އިޢުލާނުކޮށްފިއެވެ. އެ ޖަމުޢިއްޔާއިން އެކަން އިޢުލާނުކުރީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއީއިން ބޭއްވި ހަފުލާއެއްގައެވެ. މިއީ މީގެ 40 އަހަރުކުރިން އެފްރިކާއިން ހިމަބިހި ނައްތާލިފަހުން ބައްޔެއް ނައްތާލެވުނު ފުރަތަމަ ފަހަރެވެ.
އާންމު ގޮތެއްގައި ޕޯލިއޯގެ އަސަރުކުރަނީ އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ. އެ ބަލިޖެހުމުން ހަށިގަނޑުން ވާގި ދޫވެ، ނޭވާލާ ނިޒާމުން ބޭނުންކުރާ ހަށިގަނޑުގެ މަސްތަކަށް އަސަރުކޮށްފިނަމަ މަރުވުމަށް މެދުވެރިވެއެވެ. މީގެ 25 އަހަރު ކުރިން އެފްރިކާގައި އެތައް ހާސް ކުދިންނަށް އެ ބަލިވަނީ ޖެހިފައެވެ. 2012ވަނަ އަހަރާ ހަމައަށް ޕޯލިއޯ ޖެހުނު ކުދިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންނަށް ބަލިޖެހިފައިވަނީ އެފްރިކާ ބައްރަށް ނިސްބަތްވާ ނައިޖީރިއާއިންނެވެ. ޕޯލިއޯ ޖެހިފައިވާ ކުއްޖަކު އެންމެ ފަހުން ނައިޖީރިޔާއިން ފެނިފައިވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޕޯލިއޯ އެންމެ ފަހުން ނައްތާލެވުނީ އެ ޤައުމުންނެވެ.
ދަ އެފްރިކާ ރީޖަނަލް ސެޓިފިކޭޝަން ކޮމިޝަނުން ބުނީ އެފުރިކާ ސަރަޙައްދުގައި ހިމެނޭ 47 ޤައުމުން ޕޯލިއޯ ނައްތާލާފައިވާކަމަށެވެ. އެ ކާމިޔާބީއަށް ޞިއްޙީ މާހިރުންވަނީ މަރުހަބާ ކިޔާފައެވެ. ނަމަވެސް ޕޯލިއޯ ވެކްސިންގެ ޒަރިއްޔާއިން ބައެއް ޙާލަތްތަކުގައި އަދިވެސް ބަލި ފެތުރޭކަން ފާހަގަކޮށް އެކަމަށް ސަމާލުވުމަށް ޞިއްޙީ މާހިރުންވަނީ ގޮވާލައިފައެވެ.
ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ އެފުރިކާއިން ހާޞިލްކޮށްފައިވަނީ ޢާންމު ޞިއްހަތުގެ ދާއިރާއިން މިހާތަނަށް ހާޞިލްކޮށްފައިވާ އެންމެ ބޮޑު އެއް ކާމިޔާބީކަމަށެވެ. އެފުރިކާގެ ހުރިހާ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދީ އެ ސަރަޙައްދުން ބަލި ނައްތާލުމަކީ ކުޑަކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.