ޚަބަރު

އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ނުކުރެވޭނެ : އދގެ ސަލާމަތީ މަޖިލީސް


އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރުމުގެ ފުރުޞަތު އެމެރިކާއަށް ދެވެން ނެތްކަމަށް އދގެ ސަލާމަތީ މަޖިލީހުން ބުނެފިއެވެ.

2015ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން ވެފައިވާ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ އެއްބަސްވުން އަންނަ އޮކްޓޯބަރު މަހުގައި ހަމަވާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން އައު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅިއެވެ. ނަމަވެސް އޮގަސްޓު މަހުގެ 14ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ ދާއިމީ މެންބަރުންކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ވޯޓުދިނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށެވެ. އެއާއެކު އެ ހުށަހެޅުން ފާސްކުރުމުގައި އެމެރިކާއިންވަނީ ނާކާމިޔާބުވެފައެވެ. އެއަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ފެށުމަށް އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހުގައި ރަސްމީކޮށް އެދިފައެވެ.

ނަމަވެސް އެ ހުށަހެޅުމަށް 15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ ތެރެއިން 13 ޤައުމުވަނީ އެ ހުށަހެޅުމާ ދެކޮޅުހަދާކަމަށް އަންގާފައެވެ. އަދި 2018ވަނަ އަހަރު ނިއުކުލިއަރ އެއްބަސްވުމުން ވަކިވެފައިވާވުމުގެ ސަބަބުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތްކުރުމުގެ އިޚްތިޞާސް އެމެރިކާއަށް ލިބިގެން ނުވާކަމަށް އެ ޤައުމުތަކުންވަނީ ބުނެފައެވެ.

މެދުއިރުމަތީގެ މައްސަލައަކާގުޅޭ ގޮތުން ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ރަޝިޔާއާއި ޗައިނާއިންވަނީ އެމެރިކާގެ ހުށަހެޅުމާގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ރައީސްކަން އޮގަސްޓު މަހުގައި ކުރައްވަމުންދާ އިންޑޮނޭޝިޔާގެ ސަފީރު ދިއާން ތުރިއަންސިޔާ ދުޖާނީއަށް ސުވާލު ޢަމާޒުކޮށްފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ މަޖިލީހުގެ މެންބަރުކަންކުރާ ގިނަ ޤައުމުތަކުން އެމެރިކާގެ ހުށަހެޅުމާ ދެކޮޅު ހަދާތީ އެ މައްސަލައަށް އެއްވެސް ފިޔަވަޅެއް އެ މަޖިލީހަށް އެޅެން ނެތްކަމަށެވެ.
އެ ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ސަފީރު ކެލީ ކުލާކުވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެހެން ޤައުމެއްގެ ތާއީދު ނުލިބުނު ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެމެރިކާއިން ފަސް ނުޖެހޭނެކަމަށެވެ. އަދި ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް 'މަގު އޮޅި، ނިރުބަރިންނަށް ވާގިވެރިވަމުންދާކަމަށްޓަކައި' ހިތާމަކުރައްވާކަމަށެވެ