ޚަބަރު

ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރާނެ 4 ބޭފުޅަކަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި


ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ 4 މެންބަރުންގެ މަޤާމަށް ކަނޑައެޅުމަށް ކޮމިޓީން ފާސްކުރި 13 ނަމުގެ ތެރެއިން އައްޔަންކުރާނެ 4 ބޭފުޅަކަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ކޮމިޓީން ރުހުން ދެއްވި 13 ބޭފުޅުންގެ ތެރެއިން 4 ބޭފުޅަކަށް ރުހުން ދެއްވުމަށް ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރެފައިވާކަމަށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން މިގޮތަށް ކަނޑައެޅުމުން މި މަޤާމުތަކަށް މިބޭފުޅުން އައްޔަންކުރެވިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

އެމްޑީޕީން ތްރީލައިން ވިޕް ނެރައިފައިވާ ބޭފުޅުން:

ފާތުމަތު ޝަރީފް / މާކޯޅި، ގދ. ތިނަދޫ
އިބްރާހިމް ރަޝީދު / ބްލެކް، ރ.މީދޫ
އަހުމަދު ނާޞިހް / ގ. ފަލްކަންގެ
މުޙައްމަދު ފަރުޞަތު / ހ.ޓޫހާޓްސް

ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާއި އިންޓަވިއު ކުރުމުގެ މަރުހަލާއަށްފަހު ކޮމިޓީއަށް ފެންނަ އެންމެ ރަނގަޅު ނަންތަކުގެ ގޮތުގައި 13 ބޭފުޅެއް ނަން ތަޅުމަށް ފޮނުވާފައިވަނީ މިހަފްތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި ނަންތަކުގެ ތެރޭގައި ކޮމިޓީގައި ހިމެނޭ މެމްބަރަކާއި މަސްލަހަތު ފުށޫއަރާ ބޭފުޅަކު ހިމެނުމުން އެމައްސަލަ އިއްޔެވަނީ މަޖިލީހުގު އިމްތިޔާޒާއި ސްލޫކް ކޮމިޓީއަށް ފޮނުވާފައެވެ.

އެކޮމިޓީންވެސް ނިންމާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ އެކަމުގައި ރަނގަޅަށްކަމަށެވެ. އަދި އެ 13 ނަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވަނީ ކަނޑައަޅާފައެވެ. ސީއެސްސީއަށް ކުރިމަތިލާފައިވާ 41 ބޭފުޅުންގެ ތެރެއިން ޝޯޓްލިސްޓު ކުރެވުނު 13 ބޭފުޅުންނާއި ގުޅޭގޮތުން ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޮމިޓީން މިހާގިނަ ބޭފުޅުންގެ ނަންތަކެއް ތަޅުމަށް ފޮނުވަން ނިންމާފައިވަނީ މިބޭފުޅުންނަކީ މިމަޤާމަށް ވަރަށް ޤާބިލް ބޭފުޅުންކަން ކޮމިޓީގެ އިންޓަރވިއު މަރުހަލާގައި މެމްބަރުންނަށްވެސް ފާހަގަވުމުންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެމްބަރަކު ވަކިކުރުމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާ ގުޅިގެން، ތަޅުމުގައި ވޯޓަށް އަހަން އެޖެންޑާ ކޮށްފައިވަނިކޮށް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިންވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މަޤާމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ. 5 މެންބަރުން ހިމެނޭ ސީއެސްސީގައި މިހާރު އިންނަވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާޠިމަތު އާމިރާ އެކަންޏެވެ.