ކުޅިވަރު

އަންނަ ސީޒަނުގައިވެސް ކޮންޓޭ ފެނިގެންދާނީ އިންޓަ މިލާނުން


އިންޓަ މިލާންގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަންނަ ސީޒަނުގައިވެސް ހުންނާނީ އެ ކްލަބުގައިކަމަށް އިންޓަ މިލާން ބުނެފިއެވެ.

އިންޓަ މިލާންގެ ކޯޗުކަމުގެ މަގާމާ މިދިޔަ އަހަރު ހަވާލުވި ކޮންޓޭ އަންނަ ސީޒަނުގައި އެ ކްލަބުގެ ކޯޗުކަމުގެ މަޤާމުގައި ނުހުރެދާނެކަމުގެ އިޝާރާތެއް މީގެކުރިން ވަނީ ދީފައެވެ.

އިންޓަ މިލާނުގެ މެނޭޖްމަންޓުން ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ބަޔާނެއްގައި އެ ކްލަބުން ބުނެފައިވަނީ، އަންނަ ސީޒަނުގައިވެސް އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުންނާނީ ކޮންޓޭ ކަމަށާއި، އޭނާ މަގާމުން ވަކިނުކުރާނެކަމަށެވެ. އަދި މި ސީޒަނުގައި ކޮންޓޭ ޓީމަށް ކުރިއެރުންތަކެއް ހޯދައިދީފައިވާ ކަމަށާއި، އެގޮތުން އިންޓައިން އިޓާލިއަން ލީގުގެ ދެވަނައިގައި އޮވެ ނިންމާލިއިރު، ޔޫރަޕާ ލީގުގެ ފައިނަލަށް އިންޓަ ގެންގޮސްދީފައިވާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އިންޓަ މިލާންގެ ކޯޗަކަށް ކޮންޓޭ ހަމަޖެއްސީ ކުރިން އިންޓަގެ ކޯޗަކަށް ހުރި ލޫޗިއާނޯ ސްޕަލެއްޓީ މަގާމުން ވަކިކޮށް މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ. އިންޓައަށް ބަދަލުވުމުގެ ކުރިން ކޮންޓޭ ކޯޗުކަންކޮށްދިނީ އިނގިރޭސިވިލާތުގެ ޗެލްސީއަށެވެ.

މި ނިމުނު ސީޒަނުގައި ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓައިން ރަނގަޅު ނަތީޖާތަކެއް ނެރުނުއިރު، އިންޓައިން ވަނީ މި ނިމުނު ސީޒަނުގައި ކުޅުނު 54 މެޗުގެ ތެރެއިން 34 މެޗުން މޮޅުވެފައެވެ.

މީގެ ކުރިން ޔުވެންޓަސްއާއެކު އިޓާލިއަން ސެރީއާ ކާމިޔާބުކުރި ކޮންޓޭ، ޗެލްސީގައި ހޭދަކުރި ދެއަހަރު ތެރޭގައި ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ކޮންޓޭ ފުރަތަމަ އިންޓައާ އެކު ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގައެވެ. މި އެއްބަސްވުމުގެ އަގު ދިހަ މިލިއަން ޑޮލަރަށް އަަރައެވެ. އަދި ހޯދާ ކާމިޔާބީތަކަށް ބެލުމަށް ފަހު އިތުރު ބޯނަސްތަކެއް ދޭން އެއްބަސްވުމުގައި ވަނީ ހިމަނާފައެވެ.