ޚަބަރު

މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ


މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު ނަހަދާތީ މިނިސްޓަރ ޒަހާ ޤާނޫނީ ޒިންމާ އަދާނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޤަވާއިދު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓް ލިބިވަޑައިގެންފައިވާކަމަށެވެ. މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދުތައް ހަދާފައި ނުވާތީ މަޖިލީހުގެ ޤަވާއިދު ކޮމިޓީން ބެލި މައްސަލައިގަ ކޮމިޓީންވަނީ ޤަވާއިދު ހެދުމަށް މިނިސްޓަރ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައިކަމަށެވެ.

މިގޮތަށް އެކި ފަހަރު މަތީން މަޖިލިސް ތަޅުމުގައާއި ކޮމިޓީގައި މެމްބަރުން ޤަވާއިދުތައް ހެދުމަށް ދެންނެވުމުން ވަޒީރު ވިދާޅުވެފައިވަނީ ޤަވާއިދުތައް ހަދައި އޭޖީ އޮފީހުގެ ލަފަޔަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އިއްޔެއާއި ހަމަޔަށްވެސް ވަޒީރު މި ގަވާއިދުތައް ގެޒެޓްގައި ޝާއިރު ކޮށްފައި ނުވާކަމަށް ކޮމިޓީ ރިޕޯޓުން ފާހަގަވާކަމުގައި މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"ޤަވާއިދު ކޮމިޓީން އޮތީ ކަނޑައަޅާފަ، މިނިސްޓަރ އޮތީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފްވެ ވަޑައިގެންފައިކަން. މިނިސްޓަރު ކުރައްވަންޖެހޭ ކަމެއް ކަނޑައެޅިގެން ނުކުރައްވާކަމަށް. އަޅުގަނޑުމެން މަޖިލީހުގައި މިކަމުގެ ބަހުސްކުރަން ފެށުމުން މިނިސްޓަރ ވިދާޅުވަނީ ޤަވާއިދު ހަދާފައި އެޓާނީ ޖެނެރަލްގެ ލަފައަށް ފޮނުވާފައިކަމަށް. އެހެން ނަމަވެސް އިއްޔެއާއި ހަމަޔަށްވެސް މިނިސްޓަރ އެ ޤަވާއިދުތައް ގެޒެޓް ކުރައްވާފައިނުވޭ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ޤާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ޤާނޫނު ތަސްދީގްކޮށް އަމަކުރަން ފަށަފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ. އެތާރީހުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި ޤާނޫނުގައި ކަނޑައަޅާފައިވާ ގަވާއިދުތައްހެދުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.

މަސްވެރިކަމުގެ ދަށުން ހަދަންޖެހޭ މިޤަވާއިދު ރައީސްއޮފީހަށް މިއަދު ހެނދުނު 9.30 ހާއިރު ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ފަހުންވަނީ ވިދާޅުވެފައެވެ.