ޚަބަރު

މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފުވައްމުލަކާއި އައްޑޫ ސިޓީއަށް ޔެލޯއެލަރޓް ނެރެފި


ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ފުވައްމުލައް ސިޓިއާއި އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފިއެވެ. އެލަރޓް ނެރެފައިވަނީ މިރޭ 7:30އިން ފެށިގެން 23:30އާއި ހަމައަށެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށެވެ.

އާއުކޮށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ 5މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ނަމަވެސް ވިލާގަނޑުގައި 35މޭލަށް ވައިދަގަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށާއި، ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި ގަނެވާނެކަމަށް ލަފާ ކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނަށް އުދައިގެ އަސަރުކުރުމަކީވެސް އެކަށީގެންވާކަމެއްކަމަށާއި، މިވަގުތުތަކުގައި ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓަށް އުފުލޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.