ދުނިޔޭގެ ވިޔަފާރި

ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ މަޝްވަރާތައް ބާއްވައިފި


ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

ޗައިނާއާ އެމެރިކާއާ ދެމެދު ވިޔަފާރީގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި މިވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ބާއްވަންޖެހޭ މަޝްވަރާތައް އެކި ފަހަރު މަތިން ފަސްކުރުމަށްފަހުއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިއަހަރު ކުރީކޮޅު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ދެ ފަރާތުންވެސް އެއްބަސްވުމަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުމަށް ބައްދަލުވުންތައް ބާއްވަންޖެހެއެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން މިމަހު 15 ވަނަ ދުވަހު ބާއްވަންޖެހޭ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ. އެބައްދަލުވުން ފަސްކުރި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއްވެސް ނުވެއެވެ.

ޚަބަރުތައް ބުނާގޮތުން މަޝްވަރާ ބައްދަލުވުން ފަސްކުރުމަށްފަހު، ބައްދަލުވުން ބާއްވާފައިވަނީ އިއްޔެއެވެ. މިމަޝްވަރާގައި އެމެރިކާގެ ފަރާތުން ބައިވެރިވީ މާލީ ވަޒީރު ރޮބަޓް މުންޗެން އަދި ޓްރޭޑް ރެޕްރެޒެންޓޭޓިވް ރޮބަޓް ލައިޓްޒަރއެވެ. ޗައިނާގެ ފަރާތުން މަޝްވަރާގައި ބައިވެރިވީ، އެޤައުމުގެ ވައިސް ޕްރިމިއަރ ލިއު ހެއިއެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ހޯމަދުވަހު ކުރިއަށްދިޔަ މަޝްވަރާތަކުގައި އެކި ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރިކަމަށެވެ. އޭގެެތެރޭގައި ފިކުރީ މުދަލާއި އެހެނިހެން ބައެއް ދާއިރާތައް ހިމެނޭކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއެވެ. ޗައިނާގެ އޮފިޝަލުން ވިދާޅުވީ، ވިޔަފާރީގެ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިއަށްގެންދިއުމާ ގުޅޭގޮތުން ދެ ފަރާތުންވެސް މަޝްވަރާކޮށްފައިވާކަމަށެވެ.

ޗައިނާއާއި އެެމެރިކާއާ ދެމެދު ޤާއިމްކޮށްފައިވާ ފުރަތަމަ މަރުހަލާގެ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާއިން އެމެރިކާއާއެކު ކުރާ ވިޔަފާޜި އިތުރުކުރަންޖެހެއެވެ. އެމެރިކާގެ އޮފިޝަލުން ބުނާގޮތުން ޗައިނާއިން ދަނީ އެއްބަސްވުމާ އެއްގޮތަށް އަަމަލުކުރަމުންނެވެ. ނަމަވެސް ޗައިނާއާއި އެމެރިކާއާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރުމަށް ހުރަސްތަކެއް އެޅިދާނެކަމަށް ޚަބަރުތައް ބުނެއެވެ.

ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރެއިން ޗައިނާގެ ގިނަ ކުންފުނިތަކަކަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޓިކްޓޮކްއާއި ވީޗެޓްއަށް ފިޔަވަޅު އެޅުމަށް އެމެރިކާއިން ވަނީ މަސައްކަތް ފަށާފައެވެ. އަދި ކުރިއަށްއޮތްތަނުގައި އިތުރު ކުންފުނިތަކާ ދެކޮޅަށްވެސް ފިޔަވަޅު އެޅުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.