ކުޅިވަރު

ޗެމްޕިއަންސް ލީގު ބަޔާން ކާމިޔާބުކުރެވުނީ ނަސީބު އެހީވުމުން: ކްލޮޕް


ޔޫރަޕުގެ ކުލަބުތަކުގައި މެދުގައި ކުޅެވޭ އެންމެ ޝަރުފުވެރި މުބާރާތްކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު މި ސީޒަނުގައި ބަޔާން މިއުނިކަށް ކާމިޔާބުކުރެވުނީ ނަސީބު އެހީވުމުން ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލަށް ޗެމްޕިއަންސް ލީގު ހަވަނަ ފަހަރަށް ހޯދައިދިން ކޯޗު ބުނީ މީގެ 8 މަސް ފަހަތަށް ބަލައިފިނަމަ ފެންނަ އޮތް މަންޒަރު މާބޮޑަށް ވެސް ތަފާތުވާނެކަމަށެވެ. މުބާރާތުގެ މާކުރިން ބަޔާން މިއުނިކުން ޖަރުމަނު ލީގު ހޯދުމާއި ލީގު މެޗުތައް ނިމުމުގެ އިތުރުން މި ފަހަރު ނޮކްއައުޓު ބުރަށް ގެނައި ބަދަލުގެ ސަބަބުން ވަރަށް ބޮޑަށް ނަސީބު އެހީވިކަމަށް ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ބަޔާން މިއުނިކްގައި މިހާރު އޮތް ހުރިހާ މަގާމަކަށް ކުޅެމުން އެދަނީ ދުނިޔޭގައި މިހާރު ތިބި އެންމެ މޮޅެތި ކުޅުންތެރިންކަމަށެވެ. މިހާ ކުރު މުއްދަތެއް ތެރޭގައި ބަޔާންގެ ކޯޗު ހެންސީ ޕްލިކް މިހާ ބޮޑު ކާމިޔާބެއް ލިބުނީ އޭނާ ކުރު މުއްދަތުގެ ތެރޭގައި ކުރި ބުރަ މައްސަކަތުން ކަމަށެވެ. ހެންސީ ފްލިކްއާއެކު ބަޔާން މިއުނިކުން ވަނީ ހަތް އަހަރު ތެރޭގައި 2 ވަނަ ފަހަރަށް ތިން ތަށި ހޯދާފައެވެ.

ފްލިކް ބަޔާންގެ ކޯޗުކަމާ ހަވާލުވިއިރު ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގައެވެ. މިހާރު ތިބި ކުޅުންތެރިންނާ އެކު ބަޔާން މިއުނިކުން އަހަރުތަކަކަށް ޔޫރަޕުގައި ޑޮމިނޭޓް ކޮށްފާނެކަމަށް ކްލޮޕް ބުންޏެވެ. ކްލޮޕް ހިމެނެނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ތަށި ހޯދި ޖަރުމަނުގެ ދެ ކޯޗުން ތެރޭގައެވެ.

2018 – 2019 ވަނަ އަހަރުގެ ސީޒަންގައި ކްލޮޕް ވަނީ ލިވަޕޫލުއާއެކު ނުކުމެ ޗެމްޕިއަންސް ފުޓްބޯޅަ މުބާރާތް ހަވަނަ ފަހަރަށް އެ ކުލަބަށް ހޯދައިދީފައެވެ.