ވިޔަފާރި

ދައުލަތުގެ ހަރަދު ކުޑަކުރުމަށް އައު ފިޔަވަޅުތަކެއް އަޅަނީ


ކޯވިޑް-19އާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރަގަތުމަށްޓަކައި ޚަރަދު ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް އެޅުމަށް ދައުލަތުގެ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ހޯމަ ދުވަހު ނެރެފައިވާ ސަރކިއުލާގައިވާ ގޮތުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ފިނޭންސްއިން މައިގަނޑު ތިން ފިޔަވަޅެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މުވައްޒަފުންނަށް ހިނގާ ހަރަދު، ދަތުރު ހަރަދު، މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު، އަދި ކެޕިޓަލް ހަރަދު ކުޑަކުރުން ހިމެނެއެވެ.

ސަަރކިއުލާގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން 17 މާރިޗް 2020ގެ ނިޔަލަށް ހުއްދަދީފައިވާ މަގާމުތައް ފިޔަވައި އާ މަގާމުތަކަށް މުވައްޒަފުން ނުނެގުމަށް ވަނީ އަންގާފައެވެ. އަދި މިހާތަނަށް މުވައްޒަފުންނަށް ދެމުންނުދާ އެއްވެސް އާ އެލަވަންސެއް ނުދިނުމަށާއި، އެއްވެސް އާ މަގާމަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމަށާއި، ވަކިވާ މުވައްޒަފުންގެ ބަދަލުގައިވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި މުވައްޒަފުން ނުނެގުމަށްވެސް ވަނީ އަންގާފައެވެ. އަދި އިތުރު ގަޑީގެ ގޮތުގައި ދޭ ފައިސާ ބަޖެޓްކޮށްފައިވާ މިންވަރުގައި ހިފެހެއްޓުމަށް، މަސައްކަތްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށާއި ސަރުކާރު އޮފީސްތައް މެންދުރު 14:30 ގައި ބަންދުކުރުމަށްވެސް ފިނޭންސްއިން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފައެވެ.

ދައުލަތުގެ އިދާރާތަކުގެ ދަތުރު ހަރަދު ކުޑަކުރުމުގެ ގޮތުން ހުރިހާ އިދާރާއަކުން ރާއްޖެއިން ބޭރަށް ކުރާ ހުރިހާ ދަތުރުތައް ހުއްޓާލަން ވަނީ އަންގާފައެވެ. ނަމަވެސް، ދައުލަތުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ ދަތުރެއްނަމަ، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކުރެވޭނެކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން އަމަލީ މަސައްކަތް ފަށާފައިވާ މަރާމާތުގެ މަސައްކަތްތަކާއި، މަރާމާތަށް މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުވަތަ ފިނޭންސް މނިސްޓްރީން ހުއްދަ ދީފައިވާ މަސައްކަތްތައް ފިޔަވައި، އިތުރު އެއްވެސް މަރާމާތުގެ މަސައްކަތެއް ނުފަށަންވެސް ވަނީ އަންގާފައެވެ. އަދި ކެޕިޓަލް ހަރަދު ކުޑަކުރުމަށްޓަކައި، ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްޕީއައި ގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ހަރަދުތައް ކުރުން ހުއްޓާލަންވެސް ދައުލަތުގެ އިދާރާތަކަށް ދިނޭންސްއިން ވަނީ އަންގާފައެވެ.

ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ ޚަރަދު 1 ބިލިއަން ރުފިޔާއާއި ހަމައަށް ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އައު ސާކިއުލާއަށް އަމަލުކުރަން ފެށުމާއެކު ޚަރަދު ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ކުރިން ނެރިފައިވާ ދެ ސާކިއުލާއަކަށް އަމަލުކުރުން ވަގުތީ ގޮތުން ވަނީ މެދުކަޑާލާފައެވެ.

ކޮވިޑް-19ގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެތީ، ދައުލަތުގެ ހަރަދު ކުރަކުރަން ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ އިދާރާތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހާއި މޭ މަހުވެސް އަންގާފައެވެ.