ޚަބަރު

އައްޑޫ ސިޓީއިން އިތުރު 2 ދިވެހިންނާއި ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ


އައްޑޫސިޓީން 2 ދިވެހީންނާއި ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު މިބައްޔަށް އައްޑޫސިޓީން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8އަށް އިތުރުވެފައެވެ.

އައްޑޫއިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ޕޮޒިޓިވި ދިވެހިންގެ ތެރޭގައި ހިމެނެނީ ފޭދޫއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ. ޕޮޒިޓިވްވި ބިދޭސީ މީހާއަކީ މަރަދޫގައި ހުރި 23 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މި އެންމެންނަކީވެސް ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، މިތިން މީހުންގެވެސް ކޮންޓެކްޓް ޓްރޭސިން މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިއީ އެއްދުވަހެއްގެ ތެރޭގައި މިހާތަނަށް އައްޑޫއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ. އޭއީއެޗް އިން ވިދާޅުވީ މިއިން އެއްވެސް މީހެއްގެ ފުށުން އަދި މިހާތަނަށް އަލާމާތެއް ފެނިފައިނުވާ ކަމަށެވެ.

އައްޑޫސިޓީން މިހާތަނަށް 8 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިވަގުތު މޮނިޓަރ ކުރަމުންދަނީ 5 މީހުން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. އައްޑޫ ސިޓީ ހިތަދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމީހަކު މިއަދު ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވާ ކަމަށްވެސް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.