ޚަބަރު

ދަރިވަރުން މަދަރުސާއަށް ފޮނުވުމުގައި އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެދިވަޑައިގެންފި


ދަރިވަރުން އަނބުރާ މަދަރުސާއަށް ފޮނުވުމުގައި އެއްބާރުލުން ދިނުމަށް ބެލެނިވެރިންގެ ކިބައިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެދިވަޑައިގެންފިއެވެ. ބޮޑުވަޒީރު ޖޮންސަން އެހެން ވިދާޅުވެފައިވަނީ މަދަރުސާއަށް ކުދިން ނުފޮނުވުމުގެ ސަބަބުން ކުދިންނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެކަމުގެ އިންޒާރު ޞިއްޙީ މާހިރުން ދީފައި ވަނިކޮށެވެ.

ހޫނު މޫސުމުގެ ޗުއްޓީއަށް މަދަރުސާތައް ބަންދުކޮށްފައި އޮތުމަށްފަހު އަންނަ މަހުގައި މަދަރުސާތައް އަލުން ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް ކޯވިޑް-19ގެ ބިރަށް ދަރިވަރުން މަދަރުސާއަށް ފޮނުވުމަށް ގިނަ ޢަދަދެއްގެ ބެލެނިވެރިންވަނީ ފަސްޖެހިފައެވެ. އޮގަސްޓު މަހުގެ 4ވަނަ ދުވަހު ކުރި ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުގައި ސެޕްޓެމްބަރު މަހުގައި މަދަރުސާތައް ހުޅުވުމަށް ދިރާސާގައި ބައިވެރިވި މީހުންގެ 57 އިންސައްތަ ތާޢީދުކުރެއެވެ. ނަމަވެސް 25 އިންސައްތަ މީހުން ޤަބޫކުރުރާ ގޮތުގައި ސެޕްޓެމްބަރު މަހުގައި މަދަރުސާތައް ހުޅުވުމަކީ ރައްކާތެރިކަމެއް ނޫނެވެ.

ބަލިމަޑުކަން ފެތުރުނު ދުވަސްވަރު އިނގިރޭސިވިލާތުގައި ޤާއިމްކުރި ފުރަބަންދުގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކީ އަލުން އަނބުރާ ދަރިވަރުން މަދަރުސާއަށް ފޮނުވުންކަމަށް ބޮޑުވަޒީރު ޖޮންސަންދަނީ ވިދާޅުވަމުންނެވެ. ބޮޑުވަޒީރު ނެރެއްވި ބަޔާނެއްގައި ވިދާޅުވީ މަދަރުސާގެ މާހައުލުން ކޯވިޑް-19 ޖެހުމުގެ ފުރުޞަތު ވަރަށް ކުޑަކަމަށެވެ. މަދަރުސާއަށް ހާޒިރު ނުވުމުގެ ސަބަބުން ގިނަ ދުވަސްތަކަކަށް ތަޢުލީމުން މަޚޫރޫމުވުމުން ދަރިވަރުންގެ ހެދިބޮޑުވުމަށާއި ޞިއްޙަތަށް ލިބޭ ގެއްލުން މާ ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް އަވަހަށް ދަރިވަރުންނަށް މަދަރުސާއަށް އަނބުރާ ދެވޭނޭގޮތް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން މާރިޗު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ މަދަރުސާތައްވަނީ ބަންދުކޮށްފައެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ބައެއް މަދަރުސާތައްވަނީ އަލުން ހުޅުވައިފައެވެ. ހުރިހާ މަދަރުސާތައް އަލުން ހުޅުވުމުން މަދަރުސާތައް ބަންދުވުމުގެ ސަބަބުން ގޭގައި މަޑުކުރުމަށް މަޖުބޫރުވެފައިވާ ބެލެނިވެރިންނަށް މަސައްކަތަށް އަލުން ނުކުތުމަށް މަގުފަހިވާނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ފާހަގަކޮށްފައެވެ. މަދަރުސާތައް އަލުން ހުޅުވުމަކީ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަމަށްވެސްވަނީ ފާހަގަކޮށްފައެވެ.