ރާއްޖޭގައި އޮޕަރޭޓް ކުރާ އެއްވެސް ބޭންކަކުން މިއަހަރު ފައިދާ ބަހާނަމަ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް އެކަން އަންގަން އެދިއްޖެއެވެ.
ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ރެގިއުލޭޓަރީ ކަންކަން ބަލަހައްޓާ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުން އެމްއެމްއޭއަށް ބޭންކުތަކަށް މިފަދަ ކަންކަމުގައި އަމަލުކުރަންވާ ގޮތް އެންގުމުގެ ބާރު އޮވެއެވެ. އެމްއެމްއޭ އިން ބުނީ ވިޔަފާރީގެ ފައިދާ ބެހުމަށް ހުއްދަ ހޯދަންޖެހޭނެހެން ބޭންކުތަކަށް އަންގާފައިވަނީ ރެގިއުލޭޓަރގެ ހައިސިއްޔަތުން އާންމުކޮށް އެކަންކުރަން އޮންނަ އުސޫލުގެ ދަށުންކަމަށެވެ. ބޭންކުތަކަށް މިހެން އަންގާފައިވަނީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންކަމަށެވެ.
މިދިޔަ މަހުގެ ކުރީކޮޅު އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވާ ބޭންކުތަކަށް ވަނީ މިއަހަރު އެއްވެސް ފައިދާއެއް ނުބެހުމަށް އަންގާ ސިޓީއެއް ފޮނުވާފައެވެ. އެއީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރާނެ އަސަރު ލަފާކުރަން ނޭނގޭ ދަނޑިވަޅުގައި ބޭންކުތަކުން ހިއްސާދާރުންނަށް ފައިދާ ބަހައިފި ނަމަ، އެބޭންކުތަކުގެ ރައުސްމާލަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮތުމުންކަމަށް އެ ސިޓީގައިވެއެވެ. އެ ސިޓީގައި އެމްއެމްއޭއިން ބުނީ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބަހަން އެއްވެސް ކަހަލަ ނިންމުމެއް ނިންމުމުގެ ހުއްދަ ރެގިއުލޭޓަރުގެ ހައިސިއްޔަތުން ދެވެން ނެތް ކަމަށެވެ. ނަމަވެސް އެމްއެމްއޭއިން ފަހުން ވަނީ މިކަމުގައި އަމަލްކުރަންވާގޮތް ބަދަލުކޮށް، ހިއްސާ ބަހާނަމަ އެމްއެމްއޭއަށް އަންގާ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފައެވެ.