ޚަބަރު

ރައްކާތެރިކަން ބޭނުންވާ މީހުންނަށް މިއަހަރު 152މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައި


މިއަހަރުގެ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔާތުގެ ގޮތުގައި 152 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ އިސްމާޢިލް އައްޒާމް ވަޖީޙު ވިދާޅުވީ، އެންސްޕާއިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ދާކަމަށެވެ. މިގޮތުން އެ އެޖެންސީން ފޯރުކޯށްދޭ ޚިދުމްތްތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ޢިނާޔަތުގެ ގޮތުގައި 31 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފާރާތްތަކަށް ފޮރުކޮށްދޭ އެހީތަކުގެ ތެރެއިން މިހާތަނަށް 121 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމުގައި އައްޒާމް ވިދާޅުވިއެވެ.

އައްޒާމް ވިދާޅުވީ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ޢިނާޔާތް، ދަރިންގެ އަދަދަށް ބަލައިގެން ދޭއިރު 4500 ކުދިންނަށް ގާތްގަޑަކަށް 48 މިލިޔަން ރުފިޔާ އަހަރެއްގެ މައްޗަށް ޚަރަދުވާކަމަށެވެ. އަދި ނުކުޅެދުންތެރި ހުންނަ 8700 މީހުންނަށް އަހަރެއްގެ މައްޗަށް އެހީގެ ގޮތުގައި 195 މިލިޔަން ރުފިޔާ ޚަރދުވާކަމަށެވެ. މީގެ އިތުރަށް ފޯސްޓަރ ޕޭރެންޓަށް 2.5 މިލިޔަން ރުފިޔާ ޚަރަދުވަކަމަށާއި ފުޑް ސެކުއރިޓީގެ ގޮތުގައި ދެލައްކަ ތިރީސްހާސް ރުފިޔާ އަހަރެއްގެ މައްޗަށް ޚަރަދުވާކަމަށް އައްޒާމް ވިދާޅުވިއެވެ
.
"މިއަހަރު ފެށުނުއިރުވެސް ،ކޯވިޑް އާ ގުޅިގެން ނޫން ނަމަވެސް އެހީ ފޯރުކޮށްދިނުމަސް ކުރަންޖެހޭ ބައެއްކަންތައްތަކަށް ބަދަލުތަކެއް ގެނެސްފައިވާނީ .ކޯވިޑްގެ ސަބބަން ފަޤީރު ހާލަތަށްދާ މީހުންނަށް އެކަމުން އަރައިގަތުމަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީވަމުންދާނަން. ލޮކްޑައުންނަށް ދިން ލުއިތަކާ ހިސާބުން ފެށިގެން އެހީއަށް އެދި ފޯމްތައް ލިބެމުން ދިޔައީ" އެންސްޕާގެ ސީއީއޯ އިސްމާޢިލް އައްޒާމް ވަޖީހް ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެހީއަށް އެދޭ މީހުންގެ އަދަދު އިތުރުވުން އެކަށިގެންވާކަން ފާހަގަ ކުރައްވާ އައްޒާމް ވިދާޅުވީ އެމީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު މަގުތަކެއް ތަނަވަސް ކުރަން ޖެހޭކަމަށެވެ. އަދި އެހީ ފޯރުކޯށްދިނުމަށްޓަކައި މިހާރު ދިމާވަމުން އަންނަ މައްސަލަތަކަށް ހައްލު ހޯދައި ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އައްޒާމް ވިދާޅުވިއެވެ.

"އިތުރު މަސައްކަތްތަކަށްވެސް އެބަކުރަން ލުއިފަސޭހަ ގޮތަކަށް އެހީލިބެންޖެހޭ ފަރާތްތައް އިތުރުވަނާމަ އެމަގު ތަނަވަސްކުރުމުގެ މަސައްކަތް ކުރާނަނަން. ސެޕްޓެމްބަރު މަހުގެ ތެރޭގައި އެއީއަށް އެދުމަށް އެއްފަހަރު އައިޑި ކާޑް ހުށައަޅާފައިވާނަމަ ދެވަނަ ފަހަރު ހުށައަޅަން ނުޖެހޭ ގޮތަށް ހަދާނަން"އެންސްޕާގެ ސީއީއޯ އިސްމާޢިލް އައްޒާމްވަޖީހް ވިދާޅުވިއެވެ.

ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ބެލި ބެލުމަށް މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ މީހުން ތިބިކަމަށާއި އެހީ ފޯރުކޮށް ނުދެވޭ މީހުންވެސް ތިބިކަމަށް އެންސާޕއިން ފާހަގަކުރެއެވެ. މި މަސައްކަތުގެ ތެރެއިން ވަކި ވަކި އާއިލާތަކަށް އަންނަ ބަދަލު ނުވަތަ ކުރާ އަސަރުތައްވެސް މިދިޔަ އަހަރު ތެރޭގައި ވަނީ ދެނެގަނެވިފައި ކަމަށް އެންސްޕާއިން ހާމަކުރެއެވެ.

އެންސްޕާއިން އަންނަނީ ސޯޝަލް ޕްރޮޓެކްޝަން ފްރޭމް ވޯކް އަލުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލީ އެހީތެރިކަމުގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއިއެކު އެހެން މަރުހަލާއަކަށް އެމީހުން ގެންނާނެ ގޮތްތަކަކަށް އެކުލަވާލައި އަންނަ އަހަރުތެރޭގައި އެ ފްރޭމްވޯކް ނިންމުމުގެ މަސައްކަތް އެންސްޕާއިން އަންނަނީ ކުރަމުންނެވެ.

މުޖުތަމައުގައި އެކި ގޮތްގޮތަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އުފައްދާފައިވަނީ 2008 އަހަރުގައެވެ.