ޚަބަރު

އެފްއޭއެމްގެ އިންތިޚާބާއި ގުޅޭގޮތުން އަނެއްކާވެސް މިނިސްޓަރ މަޚްލޫފް މަޖިލީހަށް ހާޒިރު ކުރަނީ


ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޮލްޑިވްސް (އެފްއޭއެމް)ގެ އާންމު އިންތިޚާބާއި ގުޅޭގޮތުން އަނެއްކާވެސް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފާއި ސުވާލުކުރުމަށް މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފިއެވެ. އެފްއޭއެމްގެ އިންތިޚާބާއި ގުޅޭގޮތުން ސުވާލުކުރުމަށް މިފަހަރު ހުށައަޅުއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމެވެ.

މެންބަރު ޝަހީމް މިނިސްޓަރ މަޙްލޫފާއި ސުވާލުކުރައްވަނީ، ކުޅިވަރު ޤާނޫނާއި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ކުޅިވަރު ޤައުމީ ޖަމްޢިއްޔާ ތަކާ އެއްވެސް ހައިސިއްޔަތަކުން ގުޅުންބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދެވިފައިވާނެތޯ ސާފުކުރުމަށެވެ. އަދި ޤާނޫނާ ޚިލާފަށް އޮޕަރޭޓުކުރާ އެއްވެސް ކުޅިވަރު ޤައުމީ ޖަމްޢިއްޔާ އަކަށް ދައުލަތުގެ ކުޅިވަރު ބިންތަކާއި އަދި އެހެނިހެން ވަސީލަތްތައް ފޯރުކޮށްދީ، ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރެވިފައިވާނެތޯ ސުވާލުކުރުމަށްވެސް މެންބަރު ވަނީ ހުށައަޅުއްވާފައެވެ.

މީގެއިތުރުން މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހަށް ތަޢާވަލްކުރި އެފް.އޭ.އެމްގެ އިންތިޚާބު ފަސްކުރުމަށް އެފް.އޭ.އެމް އިން އެންގިކަމަށް މިނިސްޓަރ ވިދާޅުވެފައިވާކަމަށާއި، އެހެންކަމަށްވާނަމަ އެފް.އޭ.އެމް އިން އެއިންތިޚާބު ބޭއްވީ ވަޒީރުގެ އެންގުމާ ޚިލާފަށްކަމަށް ޤަބޫލުކުރައްވަންތޯވެސް ވަނީ ސުވާލުކުރައްވަން ހުށައަޅުއްވާފައެވެ.

އެފްއޭއެމް އިންތިޚާބު މައްސަލާގައި މީގެ ކުރިންވެސް މިނިސްޓަރ މަޙްލޫފް ވަނީ މަޖިލީހަށް ޙާޒިރުކޮށް ސުވާލުކުރައްވާފައެވެ. ފުޓުބޯޅަ އެސޯސިއެޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ޔޫތު މިނިސްޓްރީގައި ކުރިން އެދުނެވެ. އެއީ އެފްއޭއެމްގެ ކުރީގެ ރަޢީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އަދި މިމައްސަލާގައި މިނިސްޓަރ މަޙްލޫފް މަޖޖިލީހަށް ޙަޒިރުކޮށް ސުވާލުވެސް ކުރައްވާފައިވެއެވެ.