ޚަބަރު

މަހެއްހައި ދުވަހުގެތެރޭގައި ރެސްޓޯރަންޓް ވިޔަފާރިތަކެއް ބަނގުރޫޓު ވެދާނެ - ރޭމް


ރެސްޓޯރެންޓް ވިޔަފާރިވެރިން މިއަދު ކުރިއަށްގެންދިޔަ އިޙުތިޖާޖަކީ ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރޭވި އެއްވުމެއް ނޫންކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. ރެސްޓޯރަންޓް ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް ރޭމްއިން މިއަދުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ އެސޯސިއޭޝަންގެ ބޯޑް މެންބަރު ނުޒައިރު ޢަލީ ވިދާޅުވީ، ރެސްޓޯރަންޓް ވިޔަފާރިތަކަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކާއެކު މަޝްވަރާ ކުރަމުން ދާކަމަށެވެ. އެގޮތުން އެސޯސިއޭޝަންގެ އެންމެ ބޮޑު ވިސްނުމަކީވެސް، އެކަމާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކޮށް ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ޙިއްސާކޮށްގެން، ޙައްލު ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރިތަކުން ދައްކަންޖެހޭ ބިލްތަކާއި ޓެކްސްތަށް އަދި، އެމީހުންގެ މުވައްޒަފުންނަށް މުސާރަދެވޭނެ ގޮތެއް މަގުފަހިކުރެވޭނީ ކިހިނެތްތޯ ބެލުމަށް އިކޮނޮމިކް މިނިސްޓްރީއާއި، ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީ އަދި އެޗްޕީއޭއާއެކުވެސް މަޝްވަރާ ކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފުރަބަންދުގެ ސަބަބުންނާއި ވިޔަފާރިތަކުން ޚިދުމަތްދޭ ގަޑިތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު މިހާރުވެސް ވިޔަފާރިތަކަށް ގެއްލުމާ ކުރިމަތިވެފައިވާކަމަށް ނުޒައިރު ވިދާޅުވިއެވެ.

"ބައެއް ފަރާތްތަކުން އެބަ ބުނޭ މިއީ ރޭމްއިން ބޭއްވި މުޒާހަރާއެއްކަމަށް، މިއީ މިއެސޯސިއޭޝަނުން ގެންދިޔަ ކަމެއް ނޫން. އަޅުގަނޑުމެން މަސައްކަތްކުރަނީ ވާހަކަދައްކައިގެން ކަންކަން ޙައްލުކުރުމަށް." ނުޒައިރު ވިދާޅުވިއެވެ.

ރޭމްގެ ކަންބޮޑުވުންތަކުގެ ތެރޭގައި މުޅިން އަލަށް ބޮޑެތި އިންވެސްޓްތައްކޮށްގެން މި ދާއިރާގައި މަސައްކަތްކުރާ މީހުން ގޮތްހުސްވެ ވިޔަފާރިތަށް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާކަން ހިމެނެއެވެ.

ރޭމްގެ ޖެނެރަލް ސެކްރެޓަރީ މަރްޔަމް ސުހާނާ ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއެކު ބޭއްވި ބައްދަލުވުމުގައި ޑެލިވަރީގެ ޚިދުމަތް މެދުވެރިކޮށް ނަމަވެސް، ވިޔަފާރި ހިފެހެއްޓޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އިތުރުގޮތްތަކެއް ހަމަޖައްސައިނުދެވިއްޖެނަމަ ގިނަ ވިޔަފާރިތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެތެރޭގައި ހުއްޓާލަންޖެހޭނެކަމަށެވެ.

"މިއީ ރާއްޖޭގައި ތިންވަނަ ސިނާއަތް މިހާރު، ވަޒީފައަށްދާ މީހުންގެ %60 މީހުން މި ޚިދުމަތް ބޭނުންކުރޭ. މި ބަދަލުތަކުގައި ކަސްޓަމަރުން ނުލިބި ކުރިއަށް އޮތް މަހެއްހައި ދުވަހުތެރޭ ގިނަ ވިޔަފާރިތަށް ހުއްޓާލަން ޖެހޭނެ. އިޤްތިޞާދު ބޮޑު ވެއްޓުމަށްކަމަށް ދާނެ." ސުހަނާ ވިދާޅުވިއެވެ.

ރެސްޓޯރަންޓްތަކުން މިހާރު ޚިދުމަތް ދެވެނީ ހެނދުނު 09:00އިން ރޭގަނޑު 9:30އަށެވެ. ނަމަވެސް އިންޖީނުލީ އުޅަނދު ރޭގަނޑު 8:00އިން ފެށިގެން ނުދުއްވޭގޮތަށް ހަމަޖެއްސުމާއި ގުޅިގެން ވިޔަފާރިއަށް ނޭދެވޭ އަސަރުކުރާނެކަމަށްބުނެ ރެސްޓޯތަންޓް ވިޔަފާރިކުރާ ފަރާތްތަކުންދަނީ ކަންބޮޑުވުން ފާޅުކޮށް އިޙުތިޖާޖުކުރަމުންނެވެ.