ޚަބަރު

އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް މިމަހުގެތެރޭ ނިންމަނީ


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލާ ބޭނުންކުރަން ފެށޭވަރުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކޮށްފިއެވެ.އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވުމުން އެއަރކްރާފްޓް ޕާކުކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބޮޑު 7 އެއަރކްރާފްޓް ނުވަތަ ކުދި ވިއްސަކަށް އެއަރކްރާފްޓް ޕާކުކުރެވޭނެ ޖާގަ އިތުރު ކުރެވިގެދާނެކަމަށް ވިދާޅުވިއެވެ.އާދިލް ވިދާޅުވީ، މިހާރު ސީޒަންތެރޭގައި އެންމެ ޕީކު ދުވަސްވަރު އެއަރކްރާފްޓްތައް ޕާކުކުރާނެ ޖާގަ ނެތުމުގެ ސަބަބުން ބައެއް ފަހަރު ކޮލޮމްބޯއަށް ނުވަތަ ރާއްޖޭގެ އެހެނިހެން އެއަރޕޯޓްތަކަށްވެސް ފޮނުވާލަންޖެހޭ ފަހަރު އަންނަކަމަށެވެ. އެހެން ނަމަވެސް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމުން އެކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް އާދިލް މޫސާ ވިދާޅުވިއެވެ.މީގެ އިތުރުން އެއަރޕޯޓުގެ ރަންވޭއަށް ހައިޑްރޯލިކް ތެޔޮ އެޅޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަންވޭ ރީސާފޭސް ކުރުމަށް ކުރަމުންދާ މަސައްކަތްވެސް އަންނަ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް އެއަރޕޯޓްސް ކޮމްޕެނީން މައުލޫމާތުދެއެވެ.ރަންވޭ މައްޗަށް ހައިޑްރޯލިކް ތެޔޮ އެޅޭ މައްސަލަ ހައްލުކުރެވިގެން ދިއުމަކީ އެއަރލައިންތަކަށާއި، ފަސިންޖަރުންގެ އިތުބާރު ބޮޑުވެގެންދާނެކަމެއްކަމަށްވެސް އެއަރޕޯޓްސް ކޮމްޕެނީން މައުލޫމާތުދެއެވެ. މި މަސައްކަތް ނިމޭއިރު ރަންވޭގައި ހުރި އަޑިގުޑަންތައް އެއްކޮށް ނައްތާލެވި ތެޔޮލީކުވާ މައްސަލައަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީން ބުނެއެވެ.އެއަރޕޯޓަށް ޖައްސަން އަންނަ ފްލައިޓްތަކުން ހައިޑްރޯލިކް ތެޔޮލީކުވުމުގެ ސަބަބުން، މީގެ ކުރިން ވަރަށް ގިނަފަހަރު އެއަރޕޯޓްގެ ޙިދުމަތަކަށް ބުރޫ އަރާފައިވާކަން ފާހަގަކުރެވެއެވެ. އެއަރޕޯޓް ރަންވޭ މަރާމާތުކޮށް، ރީ ސަރފޭސް ކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ސައިނޯ ހައިޑްރޯ ކުންފުންޏާއި، ހަވާލްކޮށްފައިވަނީ 135 ދުވަހުގެތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން ގެންދަވަނީ އިތުރު ރަންވޭއެއްވެސް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންނެވެ. އަލަށް ހަދާ ރަންވޭ އަކީ ދިގު މިނުގައި 3400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރު ހުންނަ ރަންވޭއެކެވެ.މިހާރުގެ ރަންވޭގައި ދިގު މިނުގައި ހުންނަނީ 2700 މީޓަރު އަދި ފުޅާ މިނުގައި 45 މީޓަރެވެ.