ޚަބަރު

މާބައިދޫގެ ބަނދަރުގެ އައު ނެރު ހެދުމުގެ މަަސައްކަތް ނިމިއްޖެ


ލ. މާބައިދޫގެ ބަނދަރުގެ އައު ނެރު ހެދުމުގެ މަަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އަދި މިމަޝްރޫޢުގެ ތެރެއިން 17503.96 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ
ސަރަހައްދުގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި މަޝްރޫޢުއަކީ 4.22 މިލިއަން ރުފިއާގެ މަޝްރޫޢުއެކެވެ.