ޚަބަރު

"ގެވެށި ގުޅުން" ، އެފް.ސީ.އެސް.ސީގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި


"ގެވެށި ގުޅުން" ކެމްޕޭންގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ ވަރޗުއަލް ޓްރޭނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށްޓވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ. މިޓްރޭނިންގ ޕްރޮގްރާމްގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދީ، އަތޮޅުތަކުގައި ޕްރޮގްރާމް ހިންގާނެ މުވައްޒަފުން ބިނާކުރުންކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މި ޓްރެއިނިން ޕްރޮގްރާމް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަަވަމުން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވަން ބޭނުންނަމަ ސްކޫލް ކުދިންނާ ހަމައިން ފެށިގެންގޮސް ޢުމުރުން ދުވަސްވީ މީހުންނަށްވެސް ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭން ޖެހޭކަމަށެވެ. އެ ސަބަބަށް ޓަކައި މިކަން ކުރެވޭނެ އީޖާދީ ގޮތްތައް ހޯދައި، ކެމްޕޭންގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް އެފް.ސީ.އެސް.ސީން ކުރާ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކުރެވޭތޯ ބަލަން ޖެހޭކަމަށެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ހުއްޓުވުމަށް "ގެވެށި ގުޅުން" މިނަމުގައި ޤައުމީ ކެމްޕެއިން އިފްތިތާޙްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވހުއެވެ. މިފަދަ ކެމްޕެއިނެއްގެ އެންމެ ބޮޑު މަޤްސަދަކީ މިކަމަށް މުޖުތަމަޢު ހޭލުންތެރިކޮށް، ގޭގެ މާޙާއުލުން ލިބޭ އަނިޔާ ސިއްރު ނުކޮށް އެކަންކަން ހުއްޓުވުމުގައި މުޅި މުޖުތަމަޢު ޒިންމާދާރުކުރުވުންކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

"ގެވެށި ގުޅުން" ކެމްޕެއިނަކީ ތިންމަސްދުވަހުގެ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ޙަރަތާތްތައް މާލެއާއި އަތޮޅުތަކުގައިވެސް ކުރިއަށްގެންދާނެއެވެ. ކެމްޕެއިންގެ ކަންކަން ރޭވުމަށް ޖެންޑަރ މިނިސްޓްރީގެފަރާތުންވަނީ ކަމާގުޅުންހުރި ސަރުކާރުގެ މުޢައްސަސާތަކާއި، ކޯޓުތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ.