ވިޔަފާރި

ރެސްޓޯރެންޓް، ކެފޭ، ހޮޓާތައް ބަނގުރޫޓުވުމުގެ ބިރު ބޮޑުވެފައި


ކޯވިޑް19ގެ ހާލަތުގެ ސަބަބުން ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން އެފަދަ ގިނަ ތަންތަން ބަނގުރޫޓުވާން ކައިރިވެފައިވާކަމަށް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ރޭމްއިން ބުނެފިއެވެ.

ރޭމް އިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އެޖަމުޢިއްޔާއިން ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކަށް ލިބެމުންދާ ގެއްލުންތައް އޮޅުން ފިލުވަން ކުރި މަސައްކަތުން ގިނަ މައްސަލަތަކެއް ފާހަގަވެފައިވާކަމަށެވެ. މިގޮތުން ރެސްޓޯރެންޓް، ކެފޭ، ހޮޓާ ފަދަ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ގިނަ ތަންތަން ބަނގުރޫޓުވާން ކައިރިވެ، އެހެން ބައެއް ތަންތަން ބަންދުވެސް ކުރުމާއި ގާތްވެފައިވާކަމަށް ރޭމްއިން ބުނެއެވެ.

ރޭމްއިން ބުނީ މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ތަނުގެ ކުލި، ކަރަންޓް، ފެން އަދި މުވައްޒަފުންގެ ހަރަދު ހަމަޖެއްސުމަށް ދަތިތަކާ ކުރިމަތި ލަމުންދާކަމަށެވެ. އަދި ފުރަބަންދުގައި އޮތް ދުވަސްވަރު ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރި ނުކުރެވި ތިބުމަށް ފަހު ހުޅުވުނު އިރު ވިޔަފާރި ކުރަން ލިބޭ ވަގުތު ކުޑަކަން ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުން ފާހަގަކޮށްފައިވާކަމަށްވެސް ރޭމްއިން ބުނެއެވެ.

މީގެއިތުރުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރ ނުކޮށް، އެއްވެސް ހުއްދައެއް ނެތި ގިނަ ބައެއް ވިޔަފާރިތައް ހިންގަމުންދާ ކަމުގެ ކަންބޮޑުވުންވެސް ރެސްޓޯރެންޓް، ކެފޭ، ހޮޓާ ފަދަ ތަންތަނުން ފާހަގަކޮށްފައިވާކަމަށް ރޭމްއިން ބުނިއެވެ. އަދި ބައެއް ފަރާތްތަކުން މަނާ ވަގުތުތަކުގައި ޓޭކްއަވޭއާއި ޑެލިވަރީގެ ހިދުމަތް ދިނުމާއި ރަސްމީ ލިޔުމެއް ނެތި ވިޔަފާރިކުރުން ފަދަ ގަވާއިދާ ހިލާފަށް ބައެއް ކަންކަން ކުރަމުންދާކަމަށް ޝަކުވާ ލިބިފައިވާކަމަށްވެސް ރޭމްއިން ބުނިއެވެ.

ރޭމްއިން ބުނީ ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކުގެ ކަންބޮޑުވުންތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި އެމްޑަބްލިއުއެސްސީއާއި މީރާ އަދި އެޗްޕީއޭގެ އިސްބޭފުޅުންނާ ހިއްސާކޮށްފައިވާކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި ރެސްޓޯރެންޓް، ކެފޭ، ހޮޓާ ފަދަ ތަންތަން ބަންދުކުރާ ގަޑި ލަސްކޮށްދިނުމަށް އެދުނުކަމަށް ރޭމްއިން ބުނެއެވެ. އަދި އެޗްޕީއޭއާއެކު ބޭއްވި ބައްދަލުވުމުގައި އެއިދާރާއިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް މިހާރަށްވުރެ ލުއިކޮށްދިނުމަށާއި ޖޫރިމަނާތައް ކުޑަކުރުމަށްވެސް އެދުނުކަމަށް ރޭމްއިން ބުނިއެވެ. ރޭމްއިން ބުނީ މީރާއާއިއެކު ބޭއްވި ބައްދަލުވުމުގައި ރެޖިސްޓަރކޮށްގެން ގަވާއިދުގެ ދަށުން ހިންގާ ރެސްޓޯރެންޓް، ކެފޭ، ހޮޓާތަކަށް ޓެކްސް ލުއިކޮށްދީ، މާފުކޮށްދިނުން ނުވަތަ އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ އުސޫލެއް ހަމަޖައްސައިދިނުމަށް އެދުނުކަމަށެވެ. މީގެއިތުރުން ފެން ކުންފުންޏާއެކު ބޭއްވި ބައްދަލުވުމުގައި މިހާލަތުގައި މިފަދަ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ދުވަސް ނަގާނެތީ، ވިޔަފާރިތަކަށް ޑޮމެސްޓިކް ރޭޓް ހަމަޖައްސައިދިނުމަށް އެދުނުކަމަށްވެސް ރޭމްއިން ބުނިއެވެ.

ރޭމްއިން ބުނީ މިމަސައްކަތުގައި ކެނޑިނޭޅި ކުރިޔަށް ދާނެކަމަށާއި ގުޅުންހުރި އެހެން އިދާރާތަކާއެކުވެސް ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށެވެ.