ސިއްހަތު

ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމިޓީ ބައްދަލުުވުމުގައި ރާއްޖެ


ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި އެންމެ ބޮޑަށް މަސައްކަތްކުރަނީ ރާއްޖޭން އެކުލަވާލާފައިވާ ސިއްހީ ދާއިރާގެ އޮނިގަނޑު ހަރުދަނާކޮށް، އިންސާނީ ވަސީލަތްތައް ބިނާކުރުން ނުވަތަ ތަމްރީންކުރުމުގެ ފުރުސަތުތައް ހޯދުމަށްކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މި މަހުގެ ހަތަކުން ބާރަށް، ޓީމޯލެސްޓްގައި ބާއްވާ، ޑަބްލިޔު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިޔާގެ 68 ވަނަ ރީޖަނަލް ކޮމިޓީ ބައްދަލުވުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ މައިގަނޑު ދާއިރާތަކަކީ ކޮމިއުނިޓީ ބޭސްޓް ހެލްތް ކެއަރ ސަރވިސް ނުވަތަ ރައްޔިތުންނާއި ވިހާވެސް ގާތުން ސިއްހީ ހިދުމަތްތައް ދިނުމާއި، ސިއްހީ ދާއިރާގެ މަސައްކަތްތެރިން ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށްކަމަށެވެ އަދި ސަރަހައްދީ ޤައުމުތަކުގެ މެދުގައި ޑަބްލިއު.އެޗް.އޯއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކާއި، ސަރަހައްދީ ފެންވަރުގައި އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މިފަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން މިވަގުތު ކުރަންޖެހިފައިވާ އެންމެ މުހިއްމު އެއް ކަމަކީ ސިއްހީ ދާއިރާގައި އެކި ލެވެލްގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީންކުރުން ކަމަށާއި، އެކަމަނާގެ މި ދަތުރުފުޅުގައި ސިއްހީ ދާއިރާއިން މީހުން ތަމްރީންކުރުމަށް ރާއްޖެއަށް ހުރި ފުރުސަތުތަކަކީ ކޮބައިތޯ ބަލައި، ޤައުމުތަކުގެ މެދުގައި މަޝްވަރާކުރައްވާނެކަމަށެވެ. ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި ބައްދަލުވުމުގައި ދުންފަތް ކޮންޓްރޯލްކޮށް، ދުންފަތު އިސްތިޢުމާލުކުރުމުން ފެތުރޭ ބަލިތަކާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ޤައުމުތަކުގެ މެދުގައިވެވޭ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެކަމަށެވެ. އަދި މި އެއްބަސްވުމާއި ގުޅިގެން ތައްޔާރުކޮށްފައިވާ އިތުރު 5 ޤަރާރެއްގައިވެސް ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް އެކަމަނާ ވިދާޅުވިއެވެ. ދެކުނު އިރުމަތީ އޭޝިޔާ ޤައުމުތަކުގެ މިނިސްޓަރުންގެ ފެންވަރުގައި ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ. ޝީޒާ އަލީއާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕްލޭނިންގ އިންޓަރނޭޝަނަލް ހެލްތް އައިޝަތު ސާމިޔާގެ އިތުރުން އެޗް.ޕީ.އޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެކަމަނާގެ މި ދަތުރުފުޅުގައި ޑަބްލިޔު.އެޗް.އޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމަކާއި، ވޯލްޑް ހެލްތް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތުދެއެވެ. ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭން ދަނީ ބައިވެރިވަމުންނެވެ.