ޚަބަރު

އައު އިންތިޚާބެއްގައި ވާދަނުކުރައްވާނެކަމަށް ބެލަރޫސްގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓު ވިދާޅުވެއްޖެ


ބެލަރޫސްގައި އައު އިންތިޚާބެއް ބާއްވާނަމަ ވާދަނުކުރައްވާނެކަމަށް ފިއްތުންތަކުގެ ސަބަބުން ޤައުމު ދޫކުރައްވައި ލިތުއޭނިއާއަށް ވަޑައިގެންފައިވާ ބެލަރޫސްގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ސިވިއަޓުލާނާ ޝިޚަނޫސްކަޔާ ވިދާޅުވެއްޖެއެވެ.

މި މަހުގެ 9ވަނަ ދުވަހު ބެލަރޫސްގައި ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ ރައީސް އެލެކްސެންޑްރަ ލުކަޝެންކާ ބޮޑު އަޣުލަބިއްޔަތުން ކާމިޔާބުކުރެއްވުމުން އެ ޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ އެކަމާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. 1994ވަނަ އަހަރުން ފެށިގެން ބެލަރުސްގެ ވެރިކަންކުރައްވާ ލުކަޝެންކާއަށް އިންތިޚާބު ކާމިޔާބުވާގޮތަށް ވޯޓުގެ ނަތީޖާ ބަދަލުކުރިކަމުގެ ތުހުމަތު އެޤައުމުގެ ގިނަ ޢަދަދެއްގެ ޢާންމުން ކުރެއެވެ.

ބެލްސަތުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ސިވިއަޓުލާނާ ޝިޚަނޫސްކަޔާ ވިދާޅުވީ އިތުރު އިންތިޚާބެއް ބާއްވައިފިނަމަ ވާދަކުރެއްވުމުގެ ޚިޔާލު ނުގެންގުޅުއްވާކަމަށެވެ. ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވަން އަދިވެސް ބޭނުންފުޅުތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ފުދޭ މިންވަރަށް ސިޔާސީ ކަންކަމުގައި ބައިވެރިވެވިއްޖެކަމަށެވެ. ސިވިއަޓުލާނާ އިތުރަށް ވިދާޅުވީ މުޒާހަރައިގެ ބައިވެރިން ބޭނުންވަނީ ސިޔާސީ ހައްޔަރީން ދޫކޮށްލުންކަމަށާއި ދެފުށް ފެންނަގޮތަށް މިނިވަން އިންތިޚާބެއް ބާއްވައިފިނަމަ ޤައުމުގައި އަދުލް އިންސާފު ޤާއިމްކުރެވޭނެކަމަށެވެ.

މީގެ ކުރިން އިނގިރޭސި ބަސް ކިޔަވާދެއްވާ މުދައްރިސެއްގެ ވަޒީފާ އަދާކުރެއްވި ސިވިއަޓުލާނާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ބެލަރޫސްގެ ސަރުކާރުން އޭނާގެ ފިރިކަލުން ހައްޔަރުކޮށް ޖަލަށް ލުމުންނެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ބައިބައިވެފައިވާ އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރުވުމުން ގިނަ ޢަދަދެއްގެ ރައްޔިތުންގެ ތާޢީދުވަނީ އޭނާއަށް ލިބިވަޑައިގެންފައެވެ. މި ހަފުތާގެ ކުރީކޮޅު ސިވިއަޓުލާނާވަނީ 9.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބެލަރޫސް ހިންގުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އަދި އިންސާފުތެރި ރިޔާސީ އިންތިޚާބެއް ޔަޤީންކުރުމަށް އައު ޤާނޫނީ ނިޒާމެއް ޤާއުމްކުރުމަށް އޭނާވަނީ ގޮވާލައްވައިފައެވެ.