ޚަބަރު

ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް އިންޑިޔާގައި ދުވާލަކު އެއް މިލިއަން ތަހުލީލުކޮށްފި


ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށް ދުވާލަކު އެއް މިލިއަން ތަހުލީލުކުރުމަށް އިންޑިޔާއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެއްޖެއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިންބުނީ މުޖުތަމަޢުގައި ބަލިފެތުރިފައިވާ ހަޤީޤީ މިންވަރު ދެނެގަތުމަށް ތަހުލީލުކުރުން އިތުރުކުރަންޖެހޭކަމަށް ޞިއްޙީ މާހިރުން ފާހަގަކޮށްފައިވާކަމަށެވެ. އެގޮތުގެމަތިން ކުރި މަސައްކަތުން ދުވާލަކު އެއް މިލިއަން ތަހުލީލުކުރުމަށް ހިފާފައިވާ އަމާޒާހަމައަށް ވާޞިލްވެފައިވާކަމަށް އެ ވުޒާރާއިން ބުންޏެވެ.

ތިންވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. އެ ޤައުމުގައި މިހާތަނަށް 2.9 މިލިއަން މީހުންނަށް ބަލިޖެހި 55،950 މީހުންވަނީ މަރުވެފައެވެ. ބަލިޖެހިފައިވާ މީހުންގެ ތެރެއިން 2.2 މިލިއަން މީހުންވަނީ މިހާރު ބަލިން ރަނގަޅުވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ މީހުން ބަލިން ރަނގަޅުވީ އޮގަސްޓު މަހުގެ 21ވަނަ ދުވަހެވެ. އެ ދުވަހު 62،282 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 3 ހަފުތާގެ ތެރޭގައި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް 100 އިންސައްތައިން އިތުރުވެފައިވާކަމަށް ޞިއްޙަތާބެހޭ ވުޒާރާއިންވަނީ ފާހަގަކޮށްފައެވެ. އެ ވުޒާރާއިން ބުނީ ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް އެހާ ބޮޑަށް އިތުރުވެފައިވަނީ ތަހުލީލުކުރުމުގެ ސަބަބުން ބަލިޖެހިފައިވާ މީހުން އަވަހަށް ދެނެގަނެވި ހަރުދަނާ ސިޔާސަތުތަކުގެ ދަށުން އެމީހުން އެކަހެރިކޮށް އަވަހަށް ފަރުވާ ދެވޭތީކަމަށެވެ.

އިންޑިޔާގެ އެކި ސަރަޙައްދުތަކުގައި 1،500އަށްވުރެ ގިނަ މަރުކަޒުގައިދަނީ ބައްޔަށް ތަހުލީލުކުރަމުންނެވެ. ކުރިއަށް އޮތް ތަނުގައި ތަހުލީލުކުރާ މިންވަރު އަދިވެސް އިތުރުކޮށް ބަލި ފެތުރޭ މިންވަރު ދަށް ކުރުމަށް މަސައްކަތްކުރާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.