ވިޔަފާރި

ފައިސާ ނުދީ ހުރި ބިލުތަކަށް މިފްކޯއިން މާދަމާ ފައިސާ ދޫކުރަނީ- މިފްކޯ


މަސްވެރިންގެ އަތުން މަސް ގަނެފައި، ފައިސާ ނުދީ ހުރި ބިލުތަކަށް މާދަމާއިން ފެށިގެން ފައިސާ ޖަމާކޮށްދޭނެކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރ، އިސްމާއިލް ފައުޒީ ވިދާޅުވީ މާދަމާއިން ފެށިގެން ފައިސާ ދޫކުރަމުންދާނީ، 3 އޯގަސްޓުން ފެށިގެން 20 އޮގަސްޓްގެ ނިޔަލަށް މިފްކޯއިން މަސްގަތުމަށްފަހު ފައިސާ ނުދައްކާ ހުރި ކްރެޑިޓް ބިލްތަކަށްކަމަށެވެ. ފައުޒީ މަސްވެރިންނަށް ދޭންޖެހޭ 40 މިލިއަނެއްހާ ރުފިޔާ އެބަހުރިކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ދިނުމަށް މިފްކޯއަށްވެސް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

"މިހާހިސާބަށް އާދެވެނުއިރު މަސްވެރިންނަށްޓަކައި މަހުގެ އަގު ކުޑަނުކޮށް، ރާއްޖޭގެ އިޤްތިސާދީ ހަރަކާތްތަކުގެ ތެރެއިން ހަމައެކަނި މަސްވެރިކަން ހިނގާތީ އަޅުގަނޑުމެން މަސްވެރިންނާއި އެކު މަސައްކަތް ކުރަމުން މިދަނީ. ކޮންމެ ދުވަހަކު 250-300 ޓަނުގެ މަސް ބާނާ ކަމަށްވަންޔާ 5-6 މިލިއަން ރުފިޔާ ވަގުތުން ނަގުދު ފައިސާ ދެވޭނެ އިންތިޒާމް އަޅުގަނޑުމެންގެ އަތުގައި މިވަގުތު ނެތީމަ ނުދެވިގެން އުޅެނީ. ދުނިޔެއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން މިހާރުވެސް ބޭރުގެ މާރކެޓުގައި މަސްގަންނަ އަދަދު މަދުކޮށްފައިވަނީ. ބޭރުގެ މާރކެޓުގައި މަހުގެ އަގުވެސް ދަށްވެފައިވަނީ. މަސް ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކުންވެސް ޕްރޮސެސްކުރާ ވަރުވެސް ޑައުންސައިޒް ކޮށްފައިވަނީ. މިދަތިތަކާއެކުވެސް މަސްވެރިން އަތުން މަސް ގަންނަމުން މިދަނީ. އެހެންވެ ކުންފުނީގެ ކޭޝްފްލޯ ޑްރެއިން ވޭ ވަރަށް ބޮޑަށް." ފައުޒީ ވިދާޅުވިއެވެ.

މަސްކިރުމަށްފަހު މިފްކޯއިން ފައިސާ ނުލިބޭ މައްސަލައިގައި ކޫއްޑޫގައި މަސްވެރިންތަކެއް ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ފައުޒީ ވިދާޅުވީ ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެއް ދޯންޏެއްގައި މަސައްކަތްކުރާ މަސްވެރިންތަކެއްކަމަށެވެ. އަދި އެދޯނީގެ ބައެއް ފަރާތްތަކާ މިފްކޯއިން ވާހަކަ ދައްކާފައިވާކަމަށާއި، އެފަރާތްތައްވެސް މާދަމާ ފައިސާ ދޫކުރަން ފަށާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

ކްރެޑިޓް ބިލްތަކަށް ފައިސާއަށް ހޯދަން އެދޭ މަސްވެރިން ސިޓީއަކުން ފައިސާ ޖަމާކުރަން އެދޭ އެކައުންޓް ނަންބަރު މިފްކޯއާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ. މިފްކޯއިން ވަނީ ސިޓީ ފޮނުވާއިރު މަސްވެރިޔާ ކާޑު މައުލޫމާތު ހިމެނުމަށްވެސް އެދިފައެވެ.

މިފްކޯއިން ވަނީ މިއަހަރުގެ މިހާތަނަށް 2400 ޓަނުގެ މަސް ގަނެ، 464 މިލިއަން ރުފިޔާގެ ފައިސާ ދީފައެވެ. އަނެއްކޮޅުން މިދިޔަ އަހަރަކީ މިފްކޯއިން ވޭތުވެދިޔަ 14 އަހަރު ތެރޭގައި އެންމެ ގިނައިން މަސްގަނެފައިވާ އަހަރެވެ. މިގޮތުން މިދިޔަ އަހަރު މިފްކޯއިން ވަނީ 48 ހާސް ޓަނުގެ މަސް ގަނެ، 901 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައެވެ.