ޚަބަރު

ހޯމް ކަރަންޓީންގެ އުސޫލާ ޚިލާފުވުމުން ބަންދަށް 15 ދުވަސް ޖަހައިފި


ގއ.ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ހޯމް ކަރަންޓީން އުސޫލާ ޚިލާފުވުމުން އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ގއ.ވިލިނގިލީ ހޯމް ކަރަންޓީންގައި ހުރި މީހަކު ކަރަންޓީންގެ އުސޫލާ ޚިލާފަށް އޭނާ ހުރިތަނުން ބޭރަށް ނުކުމެ ރަށުތެރޭގައި އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން އެރަށުން އުމުރުން 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ރޭ، ގއ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކޯވިޑް-19އާއި ގުޅިގެން މާލެއިން ނުވަތަ ފަތުރުވެރިން ތިބި ރިސޯޓަކުން މިހުން ދިރިއުޅޭ ރަށަކަށް ދާނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ހޭދަކުރަންޖެހެއެވެ. އެގޮތުން ރަށުގައި ކަރަންޓީންވާ ތަނުން ބޭރަށް ނުކުމެ އުޅުމަކީ ހޯމް ކަރަންޓީންގެ އުސޫލުގައި މަނާކުރާކަމެކެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީންވުމަށްފަހު ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމުން ނޫނީ ޢާއްމުންގެތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ހޯމް އައިސޮލޭޝަނަށް ރަށްރަށަށް ދާމީހުން އުސޫލާ ޚިލާފަށް ޢާއްމުންގެތެރެއަށް ނުކުމެ އުޅޭކަމުގެ ޝަކުވާތައް އަންނަނީ ފެންމަތިވަމުންނެވެ.