ދުނިޔެ

އީރާނުގެ ނިއުކްލިއާ އެއްބަސްވުން ސަޢުދީން ބަލައިގެންފި


އީރާނުގެ ނިއުކްލިއާ ހަކަތައިގެ މައްސަލައިގައި ބޭއްވުނު ވާހަކަތަކަށްފަހު ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު ވެވުނު އެއްބަސްވުން ސަޢުދީ ޢަރަބިއްޔާއިން ބަލައިގެންފިއެވެ.ސައުދީ ޙާރިޖީ ވަޒީރު އަދެލް އަލް-ޖުބައިރު ވިދާޅުވީ ސައުދީން މި އެއްބަސްވުން ބަލައިގެންފައިމިވަނީ ސައުދީ ރަސްގެފާނު ސަލްމާނާއި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ދެބޭފުޅުންގެ ދެމެދު ބޭއްވުނު ބައްދަލުކުރެއްވުމަކަށް ފަހުގައިކަމަށެވެ. އަދި މިއެއްބަސްވުމާއެކު އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށާއި މިފަދަ ކަމެއް ކުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުން އިރާނުގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، ޝައްކު ކުރެވޭ ތަންތަން ބަލާފާސްކުރުމުގެ އިޙްތިޔާރު މިއެއްބަސްވުމުގެ ދަށުން ލިބިގެންދާނެ ކަމަށް ރައީސް އޮބާމާ ސައުދީ ރަސްގެފާނަށް ދަންނަވާފައިވާ ކަމަށެވެ.މީގެ އިތުރުން އިރާނުން ވެފައިވާ މިއެއްބަސްވުމާއި ޙިލާފުވެއްޖެ ހާލަތެއްގައި އެޤައުމާދެކޮޅަށް ކުރިން އަޅާފައިހުރި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަކުރާނެ ކަމަށްވެސް ރަސްގެފާނު ސަލްމާން އަރިހުގައި ރައީސް އޮބާމާ ދަންނަވާފައިވާ ކަމަށް ޖުބައިރު ހާމަކުރެއެވެ.އިރާނާއި ދުނިޔޭގެ ބޮޑު ހަ ބާރުގެ މެދުގައި ބޭއްވުނު ވާހަކަތަކަށްފަހު ޖުލައި މަހު ވެވުނު އެއްބަސްވުމުގެ ދަށުން އިރާނުން ކުރިޔަށްގެންދާ ނިއުކްލިއާ ހަކަތައިގެ ޕްރޮގްރާމް މަޑުޖައްސާލުމުގެ ބަދަލެއްގެ ގޮތުން އިރާނާ ދެމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް މިއެއްބަސްވުމުގައި ހިމަނާފައިވެއެވެ.