ޚަބަރު

ތަރައްޤީއަށްކުރެވޭ މަސައްކަތްތަކަށް ރާއްޖެ އޮންނާނީ އަބަދުވެސް ހުޅުވިފައި: މިނިސްޓަރ ޝާހިދު


ޤައުމުތަކާއި ގުޅިިގެން ރާއްޖޭގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ރާއްޖެ އޮންނާނީ އަބަދުވެސް ހުޅުވާލެފައިކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާޙިދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55ވަނަ މިނިވަން ދުވަހާއި ގުޅިގެން ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ވަރޗުއަލްކޮށް ބޭއްވި ރިސެޕްޝަންގައެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ޚާރިޖީގުޅުން ޤާއިމުކޮށް ރާއްޖެއަށް އެންމެކުރިންސުރެ ޖަޕާނު ސަރުކާރުން ވަމުންއަންނަ އެހީތެރިކަން ފާހަގަކުރައްވާ ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރައްވާފައެވެ. ޚާއްސަކޮށް އިޖްތިމާއީ ކަންކަން ފަހިކޮށްދިނުމަށް އުމްރާނީގޮތުން ވެދެއްވާފައިވާ އެހިތެރިކަމުގެ މައްޗަށް މިނިސްޓަރ ޝާހިދު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސްކޫލުތަކާއި، މާލޭ ވަށައިގެން ލާފައިވާ ތޮއްޓާއި އަދި ސޯޝަލް ސެންޓަރފަދަ މަސައްކަތްތަކަކީ ޖަޕާނުން ރާއްޖެއަށް ދެއްވާފައިވާ ވަރަށް އަގުހުރި އެހީތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިވަންކަން ލިބުނު އިރު ފަޤީރު ޤައުމުތަކުގެ ކެޓަގަރީގައި ރާއްޖެ އޮތްނަމަވެސް، މިހާރު ރާއްޖެއަށް އިޤްތިޞާދީގޮތުންނާއި އިޖްތިމާއީގޮތުން ލިބިފައިވާ ކުރިއެރުމުގައި ޚާރިޖީ ގުޅުންތަށް މުހިއްމު ދަޢުރެއް އަދާކުރާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
އަދި މިހާރު ކޯވިޑް 19އިން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި ބޮޑެތި އެހީތަކެއް ލިބެމުންދާކަމަށާއި، ރާއްޖޭގެ އިޤްތިސާދު އަލުން ކޮޅަށް ޖެހުމުގައި ޤައުމުތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މުޅި އިޤްތިޞާދުހެން ބިނާވަނީ ފަތުރުވެރިކަމަށް. ކޮވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ވިޔަފާރިތަށް ހުއްޓުމުން ރާއްޖެއަށް ވަންނަ ފައިސާއާއި، މީހުންގެ އާމްދަނީއާއި އަދި އިޖްތިމާޢީ މައްސަލަތައްވަނީ ދިމާވެފައި. ކުރިން ސުނާމީ ކާރިސާއިންވެސް އަރައިގަނެވުނީ ބޭރުގެ އެހީއިން. މިހާރުގެ ޙާލަތުން އަރައިގަތުމަށްވެސް ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ." މިނިސްޓަރ ވިދާޅުވިއެވެ.

ޚާރިޖީ ގުޅުން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެދަށުން މިހާތަނަށް ރާއްޖެއިންވަނީ ޔޫއެންގެ 193 ޤައުމުގެތެރެއިން 172 ޤައުމާއިއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ އިތުރު ޤައުމުތަކާއިއެކުވެސް ގުޅުން ބަދަހިކުރައްވާނެކަމަށެވެ.

މިނިވަން ދުވަސް ފާހަގަކުރުމަށް ވާޗުއަލްކޮށް ބޭއްވި ހަފްލާގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާޙިމް އުވައިޝްއާއި ޖަޕާނު ސަރުކާރުގެ އިސްފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނު ބަހުންވެސް ވާހަކަފުޅު ދައްކަވާފައެވެ. ރާއްޖެ އާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ، މިއަހަރު ވަނީ 53 އަހަރު ފުރިފައެވެ.