ޚަބަރު

ކޮންވަލަސެންޓް ޕްލާސްމާއަކީ ކޯވިޑް-19އަށް ރަނގަޅު ފަރުވާއެއްކަމަށް ޓްރަންޕް ވިދާޅުވެއްޖެ


ކޯވިޑް-19 ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ކޮންވަލަސެންޓް ޕްލާސްމާ ނުވަތަ ބަލިން ރަނގަޅުވެފައިވާ މީހުންގެ ޕުލާސްމާ ބޭނުންކުރުމަކީ ރަނގަޅު ފަރުވާއެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް ވިދާޅުވެއްޖެއެވެ.

ވައިރަހުގެ ޒަރީއާއިންޖެހޭ ބަލިތަކުން ރަނގަޅުވުމުން ބަލިޖެހުނު މީހާގެ ލޭގައި ހުންނަ ޕްލާސްމާގައި ބައްޔާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީ އުފެދެއެވެ. ބަލިޖެހިފައިވާ އެހެން މީހެއްގެ ހަށިގަނޑަށް އެ ޕްލާސްމާ އެޅުމުން ބަލިން ފަސޭހަވުމަށް ނަގާ މުއްދަތު އަވަސްވާކަމަށްވަނީ ބެލެވިފައެވެ.

ނިއުޔޯކު ޓައިމްސް ނޫހުގައި ބުނެފައިވާގޮތުން ކޯވިޑް-19އަށް ފަރުވާދިނުމަށް ކޮންވަލަސެންޓު ޕްލާސްމާ ބޭނުންކުރުމަށް އެމެރިކާގެ ފުޑް އެންޑް ޑުރަގު އޮތޯރިޓީއިން ދީފައިވާ ކުއްލި ޙުއްދަވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ކަމާބެހޭ އިދާރާތަކުން އެގޮތަށް ނިންމާފައިވަނީ ފަރުވާގެ ކާމިޔާބުކަމަށް ބާރުދޭ ހެކި މަދުވުމުގެ ސަބަބުންނެވެ. އެކަމަށް އިޝާރާތްކުރައްވާ ޓްރަންޕް ވިދާޅުވީ އެ ފަރުވާ ހުއްޓާލުމަށް ނިންމާފައިވާ ނިންމުމަކީ ސިޔާސީ މަގުސަދެއްގައި އަޅާފައިވާ ފިޔަވަޅަކަށްވުން އެކަށީގެންވާކަމަށެވެ. ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ބައެއް ކަންކަން ހާޞިލްކުރުމަށް ބޭނުން ނުވާ މީހުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަންޕް ވިދާޅުވީ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ ޕުލާސްމާ ބޭނުންކުރުމުގެ ނަތީޖާ ވަރަށް ކާމިޔާބުކަމަށް އެނގިވަޑައިގަންނަވާފައިވާކަމަށެވެ. ޕުލާސްމާ ބޭނުންކޮށްގެން ފަރުވާދީފައިވާ މީހުންގެ ތެރެއިން 50އިންސައްތައަށް ވުރެ ގިނަ މީހުންގެ ބަލި ޙާލަތު ރަނގަޅުވެފައިވާކަމަށާއި މީހުން މަރުވަމުންދާ ވަގުތެއްގައި އެފަދަ ފަރުވާތަކަށް ޙުއްދަ ދޭން ޖެހޭނެކަމަށް ޓްރަންޕު ވިދާޅުވިއެވެ. އަދި އެފްޑީއޭއަށް ނިސްބަތްވާ ފަރާތްތަކުންވެސް އެ ފަރުވާއަކީ ރަނގަޅު ފަރުވާއެއްކަމަށް ބުނެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދަނީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 5.7 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 176،342 މީހުންވަނީ މަރުވެފައެވެ.