ޚަބަރު

އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އެދިއްޖެ


އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލުން އެޅުމަށް އދގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ރަސްމީކޮށް އެދިއްޖެއެވެ.

2015ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގެ ދަށުން ވެފައިވާ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ އެއްބަސްވުން އަންނަ އޮކްޓޯބަރު މަހުގައި ހަމަވާނެއެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަލުން އައު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅިއެވެ. ނަމަވެސް އޮގަސްޓު މަހުގެ 14ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ ދާއިމީ މެންބަރުންކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ވޯޓުދިނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށެވެ. އެއާއެކު އެ ހުށަހެޅުން ފާސްކުރުމުގައި އެމެރިކާއިންވަނީ ނާކާމިޔާބުވެފައެވެ. އެއަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުވަނީ ވިދާޅުވެފައެވެ.

އޮގަސްޓު މަހުގެ 20ވަނަ ދުވަހު އީރާނުން ނިއުކުލިއަރ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ ދަތިކުރުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަކުރުމަށް އދގައި އެމެރިކާއިންވަނީ ރަސްމީކޮށް އެދިފައެވެ. އެއާއެކު އެ މައްސަލައާމެދު ގޮތެއް ނިންމުމަށް 30 ދުވަހުގެ މުހުލަތެއްވަނީ ފެށިފައެވެ. އީރާނާބެހޭ ޝަކުވާ ސަލާމަތީ މަޖިލީހަށް އެމެރިކާގެ ފަރާތުން ހުށަހެޅުމުން 30 ދުވަހުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅު އެޅުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓާނޭކަމަށް ބުނެ ޤަރާރެއް ސަލާމަތީ މަޖިލީހުން ނެރެންޖެހޭނެއެވެ. އެގޮތަށް ޢަމަލުނުކޮށްފިނަމަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަވާނެއެވެ. ނަމަވެސް އެމެރިކާގެ ހުށަހެޅުމަށް އެ އެއްބަސްވުމުގައި ބައިވެރިވާ އެހެން ޤައުމުތަކުންވަނީ ދެކޮޅު ހަދައިފައެވެ.

އެމެރިކާގެ ހުށަހެޅުމަށް ދެކޮޅުހަދާކަމަށް ބުނެ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޗައިނާއިންވަނީ ސަލާމަތީ މަޖިލީހަށް ސިޓީ ފޮނުވާފައެވެ. 2018ވަނަ އަހަރު ނިއުކުލިއަރ އެއްބަސްވުމުން ވަކިވެފައިވާ އެމެރިކާއަށް އީރާނުން އެ އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ ފިޔަވަޅު އެޅުމަށް ހުށަހެޅުމުގެ ޤާނޫނީ ބާރު ލިބިފައިވާކަމަށް އެ ޤައުމުތަކުން ޤަބޫލެއް ނުކުރެއެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ އެއްބަސްވުމުން އެ ޤައުމު ވަކިވެފައިވާ ނަމަވެސް އެ އެއްބަސްވުމުގައި ބައިވެރިވި ޤައުމެއްގެ ހައިޞިއްޔަތުންނާއި ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ޤައުމެއްގެ ހައިޞިއްޔަތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ހުށަހެޅުމުގެ ހައްޤު އެ ޤައުމަށް ލިބިގެންވާކަމަށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯވަނީ އެ ޤައުމުގެ ހުށަހެޅުމަށް ވިލާތުގެ ޤައުމުތަކުން ދެކޮޅު ހެދުމުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުށަހެޅުމުގެ ހައްޤު އެމެރިކާއަށް ލިބިގެންވާކަމަށް އެ ޤައުމާއެކު ކޮށްފައިވާ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތަކުން އެއްބަސްވެފައިވާކަމަށާއި ފާޅުގައި އެހެން ބުނުމުގެ ހިތްވަރު އެ ޤައުމުތަކަށް ލިބިފައިނުވާކަމަށެވެ. އޭގެ ސަބަބަން ޢިރާޤާއި ޔަމަނާއި ލުބުނާނާއި ސޫރިޔާގެ އިތުރުން އަމިއްލަ ޤައުމުގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅޭނެކަމަށް ޕޮންޕެއޯ ވިދާޅުވިއެވެ.