ޚަބަރު

މެރިން އިންޖިނިއަރިންގ ދާއިރާއިން މީހުން ތަމްރީންކުރުމަށް އެމްޓީސީސީން ޕްރޮގްރާމެއް


މެރިން އިންޖިނިއަރިންގ ދާއިރައިން ކުރިއަށްދާން ޝަޢުގުވެރިވާ މީހުން ތަމްރީންކުރުމަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް އެމްޓީސީ×ީން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ މެރިން އިންޖިނިއަރިންގެ ދާއިރާގައި ތަމްރީން ލިބިގެން މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކޮށް، މިދާރާ ކުރިއެރުވުމުގައި އެމީހުންގެ ދަޢުރު ފުޅާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި 4 މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18އަހަރު ފުރިފައިވުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މަސައްކަތަށް ޝަޢުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއިއެކު މަސައްކަތްކުރާ ސިއްޙަތު ރަނގަޅު މީހެއްކަމުގައިވުން ހިމެނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މަގާމަށް ކެންޑީޑޭޓުން ހޮވުމުގައި މިދާއިރާއިން ތަޢުލީމް ޙާސިލްކުރަމުންދާ ފަރާތްތަކަށް އިސްކަންދޭނެކަމަށެވެ. އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 2500 ރުފިޔާގެ އެލަވަންސެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ މީހުން އަންނަ ހޯމަ ދުވަހުގެ 15:00ގެ ކުރިން އެ ކުންފުނީގެ ވެބްސައިޓްމެދުވެރިކޮށް ހުށައަޅަންޖެހޭ ލިޔެކިޔުން ހުށައެޅުމަށް ވަނީ ބުނެފައެވެ. މިކަމާއި ގުޅޭ މަޢުލޫމާތު އެކުންފުނިން ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މި ޕްރޮގްރާމަށް އިންޓަވިއުކުރުން އޮންނާނީ މިމަހުގެ 25އިން 27އަށެވެ.

ކަނޑު ދަތުރުފަތުރުގެ ދާއިރާއަކީ ރާއްޖޭގައި ފުޅާވަމުން އަންނަ ދާއިރާއެކެވެ. ނަމަވެސް މި ދާއިރާގައި ތަމްރީންއާއި ތަޖުރިބާލިބިފައިވާ މީހުން ނެތުމަކީ ދާއިރާ ކުރިއެރުވުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.