ޚަބަރު

ބްރެޒިލުގައި ބަލި ފެތުރޭ މިންވަރު ދަށަށްދާން ފަށައިފި


ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެމުންދާ ބްރެޒިލުގައި ބަލި ފެތުރޭ މިންވަރު ދަށަށްދާން ފަށައިފައިވާކަމުގެ ފުރަތަމަ ނިޝާންތައް ފެންނަން ފަށައިފިއެވެ.

ބްރެޒިލުގައި މިހާތަނަށް 3.4 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 111،100 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 49،298 މީހުންނަށް ބަލިޖެހި 1،212 މީހުންވަނީ މަރުވެފައެވެ. ބުރެޒިލުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގައި އެންމެ ހަލުވިކޮށް ބަލި ފެތުރުނު ހަފުތާގައި 319،653 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. ނަމަވެސް ފާއިތުވި ހަފުތާގައި އެ ޢަދަދުވަނީ 304،648އަށް ދަށަށް ގޮސްފައެވެ. ފާއިތުވި ހަފުތާގައި ބަލީގައި މަރުވާ މީހުންގެ ޢަދަދުވެސް ވަނީ ހަފުތާއަކު 7،677 މަރުން 6،755 މަރަށް ދަށަށް ގޮސްފައެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ ޢަދަދަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވި ނަމަވެސް ބަލިފެތުރޭ މިންވަރު ދަށަށްދާން ފަށައިފައިވާކަމުގެ އުންމީދުވަނީ ބޮޑުވެފައެވެ.

އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖު އޮފް ލަންޑަނުން ކުރި ދިރާސާއަކުން ދައްކާގޮތުގައި އޭޕްރިލް މަހުން ފެށިގެން ފުރަތަމަ ފަހަރަށް ބްރެޒިލުގައި ބަލި ފެތުރޭ މިންވަރު، އާރު ރޭޓުވަނީ 1އަށްވުރެ ދަށަށްގޮސްފައެވެ. އާރު ރޭޓު އެކަކަށްވުރެ ދަށުގައި ހުރެއްޖެނަމަ އޭގެން ދޭހަކޮށްދެނީ ބަލިޖެހިފައިވާ ކޮންމެ މީހެއްގެ ފަރާތުން ބަލި އަރާ މީހުންގެ ޢަދަދު 1އަށްވުރެ އިތުރުނުވާކަމެވެ. އޭގެ ސަބަބުން ބަލިފެތުރޭ މިންވަރު ދަށަށް ގޮސްފައިވާކަން ދޭހަކޮށްދެއެވެ.

ބްރެޒިލުގެ ސެކެޓްރީ އޮފް ހެލްތު ސާވައިލެންސް، އަރުނާލްދޯ މެދެއިރޯސް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގައި ބަލި ފެތުރޭގޮތް ގާތުން ބަލަން ޖެހޭނެކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކޮށްގެން ނުވާނެކަމަށެވެ.