ޚަބަރު

ކޯވިޑް-19: ސްރީ ލަންކާގެ ކާމިޔާބީގެ ސިއްރަކީ ކޮބާ؟


ދުނިޔޭގެ އެހެން ސަރަޙައްދުތަކެކޭ އެއްގޮތަށް ކޯވިޑް-19ދަނީ ދެކުނު އޭޝިޔާގެ ޤައުމުތަކުގައިވެސް ހަލުވިކަމާއެކު ފެތުރެމުންނެވެ. އެ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރު ދަށަށް ގެންދިޔުމުގައި ގިނަ ހުރަސްތަކަކާދަނީ ކުރިމަތިލަމުންނެވެ. 2.7 މިލިއަން ބަލި މީހުންނާއެކު ދެކުނު އޭޝިޔާއަށް ނިސްބަތްވާ އިންޑިޔާ އޮތީ ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. ދިވެހި ރާއްޖޭގައިވެސް 6،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. ނަމަވެސް ކޯވިޑް-19 ގެ ބިރުވެރިކަމުގެ ތެރޭގައި އުއްމީދީ ނަތީޖާއެއް ދައްކަމުންދަނީ ޖަޒީރާ ޤައުމެއްކަމަށްވާ ކުޑަކުޑަ ސްރީ ލަންކާއިންނެވެ.

21.67 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގައި މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 2،902 މީހުންނަށެވެ. ބަލީގައި މަރުވެފައިވަނީ 11 މީހުންނެވެ. ބަލިޖެހޭ މީހުންގެ ޢަދަދު އެ ޤައުމުގައި ދަށްކޮށް ބެހެއްޓުމަށް ސްރީ ލަންކާގެ ސަރުކާރުންވަނީ އަވަސް އަދި ހިކުމަތްތެރި ފިޔަވަޅުތަކެއް އަޅައިފައެވެ.
މާރިޗު މަހުގެ ތެރޭގައި ކޯވިޑް-19 ފެތުރެން ފެށުމުން ސްރީ ލަންކާވަނީ ފުރަބަންދުކޮށްފައެވެ. ބައްޔަށް ތަހުލީލުކުރާ މިންވަރު އިތުރުކޮށް އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ އެ ޤައުމުގެ ސަރުކާރުންވަނީ ޔަޤީންކޮށްފައެވެ. މާރިޗު މަހުން ފެށިގެން އޭޕްރިލް މަހާ ދެމެދު އެ ޤައުމުގެ އާބާދީގެ ކޮންމެ 1 މިލިއަން މީހަކަށް 930 ތަހުލީލުވަނީ ކޮށްފައެވެ. އެ މުއްދަތުގައި އަވަށްޓެރި ބަންގުލަދޭޝާއި އިންޑިޔާއާއި ޕާކިސްތާނުގައި ތަހުލީލުކޮށްފައިވާ މިންވަރު ނިސްބަތުން ވަރަށް ދަށެވެ. ބަލި ފެތުރޭ މިންވަރު ދަށުގައި ބަހައްޓައި ވައިރަހާ ދެކޮޅަށް ކާމިޔާބުވުމަށް މައިގަނޑު ގޮތެއްގައި މަގުފަހި ކޮށްދިނީ އެ ތިން ފިޔަވަޅެވެ.

ސްރީ ލަންކާގައި ހުންނެވި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ މަންދޫބު، ރާޒިއާ ޕެންސޭ ވިދާޅުވީ ސްރީ ލަންކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ 50 އިންސައްތައަށްވުރެ ބޮޑު ބައެއް ޙިއްޞާކުރަނީ އުމުރުން 20 އަހަރާއި 60އަހަރާ ދެމެދުގެ މީހުންކަމަށެވެ. އާންމު ގޮތެއްގައި އެ އުމުރުފުރައަކީ ބަލި ޖެހުމުން އިތުރު އެހެން މައްސަލައެއް ނެތްތަމަ ޞިއްޙީ ޙާލަތު މާ ބޮޑަށް ގޯސްވާ އުމުރުފުރައެއް ނޫނެވެ. ޕެންސޭ ވިދާޅުވީ ސްރީ ލަންކާގައި ބަލިޖެހޭ މީހުންގެ ޙާލު މާ ބޮޑަށް ގޯސްވުމުން ދުރުހެލިކޮށްދިނީ އެ ޤައުމުގައި އަޅާފައިވާ ފުރަބަންދުގެ އަވަސް ފިޔަވަޅުތަކެވެ.

ސްރީ ލަންކާގެ ޞިއްޙީ ނިޒާމުގައި ލިބެންހުރި އުމްރާނީ ވަޞީލަތްތަކަކީވެސް ކޯވިޑް-19އާ ދެކޮޅަށް އަވަސް ފިޔަވަޅު އެޅުމުގައި އެހީތެރިވެދިން މުހިންމު ކަމެކެވެ. މިދިޔަ ޖަނަވަރީ މަހުގައި ބަލި ޖެހިފައިވާ މީހަކު އެ ޤައުމުން ފުރަތަމަ ފެނުމާއެކު ސަރުކާރުންވަނީ ބަލިމާޑުކަމާބެހޭ ކަންކަން ގާތުން ބެލުމަށް ޞިއްޙީ ޚިދުމަތްތެރިން ކަނޑައަޅައި، ބައްޔަށް ހުށަހެޅިފައިވާ މީހުން ހޯދާ، ބޮޑަށް ބަލިފެތުރޭ ސަރަޙައްދުތައް ދެނެގަތުމުގެ މަސައްކަތް ޙަވާލުކޮށްފައެވެ. އޭގެ ފަހުން ދެމަސް ވަންދެން ބަލި ނުފެނި އޮތުމަށްފަހު ބަލި ފެތުރެން ފެށުމުގެ ކުރިން ސަރުކާރާއި ޞިއްޙީ ދާއިރާއޮތީ ފުރިހަމައަށް ތައްޔާރުވެފައެވެ. ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވާ މީހުން ފާހަގަކޮށް، އޭގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހުން ފާހަގަކުރުމަށް ބޭނުންކޮށްފައިވަނީ ވަރަށް ފުރިހަމަ ނިޒާމެކެވެ. ބަލި ފެތުރޭ ގޮތް ދިރާސާކޮށް ފާހަގަކުރުމަށް ޚާއްޞަ ނިޒާމެއްވެސްވަނީ ޤާއިމްކޮށްފައެވެ.

ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށްކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށް ސްރީ ލަންކާގެ ޤައުމީ ބޭންކު، ސެންޓުރަލް ބޭންކް އޮފް ސްރީ ލަންކާއިންވަނީ މާލީ ލުއިތައް ދިނުމަށް ޚާއްޞަ ސިޔާސަތުތަކެއް ކަނޑައަޅައިފައެވެ. ބަލިމަޑުކަމުގެ ސަބަބުން ގެއްލުން ލިބޭ ވިޔަފާރިތަކަށް އެހީތެރިވުމަށް ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދީ، 27 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ ޕެކޭޖެއްވަނީ ކަނޑައަޅައިފައެވެ. އެ ޢަދަދަކީ ސްރީ ލަންކާގެ އުފެއްދުންތެރިކަމުގެ ނިޞްބަތުގެ 0.33 އިންސައްތައެވެ.

ސްރީ ލަންލާގެ ސަރުކާރުންވަނީ ބައްޔަށް ހުށަހެޅޭ މީހުންނާއި ބަލި ޖެހިފައިވާ މީހުން އެކަހެރިކުރުމަށާއި ކަރަންޓީނު މަރުކަޒުތައް ތައްޔާރުކުރުމަށް ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 0.1 އިންސައްތައާއި ސާކު ކޯވިޑް-19 އެމަޖެންސީ ފަންޑުން 5 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅައިފައެވެ. އޭގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޕެޓްރޯލިއަމް ސްޓެބިލައިޒޭޝަން ފަންޑުގެ ނަމުގައި ޚާއްޞަ ފަންޑަކާއި ރިޔާސީ ފަންޑެއްވެސްވަނީ ޤާއިމްކޮށްފައެވެ. މިހާތަނަށް 7.4 މިލިއަން އެމެރިކާ ޑޮލަރުވަނީ އެ ފަންޑަށް އެއްކޮށްފައެވެ.

ސްރީ ލަންކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ޞިއްޙީ މާހިރުންވަނީ ތަޢުރީފުކޮށްފައެވެ. 1980ވަނަ އަހަރުން ފެށިގެން ސްރީ ލަންކާއަކީ ހެޔޮ އަގުގައި ރަނގަޅު ފެންވަރެއްގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިސާލެއްގެ ގޮތުގައި ދުނިޔެއިން ބަލަމުންދާ ޤައުމެކެވެ. ފަސޭހައިން އަދި ހެޔޮ އަގުގައި ބޭސް ފަރުވާގެ ޚިދުމަތް ލިބުމަކީ ސްރީ ލަންކާގެ ޢާންމު ޞިއްޙީ ޚިދުމަތްތައް ހަރުދަނާވުމުގެ މުހިންމު ސަބަބެކެވެ.