ވިޔަފާރި

ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ޚުލާސާ ފިނޭންސްއިން އާންމުކުރަން ފަށައިފި


ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތައް އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓުގައި ޝާއިޢުކުރަން ފަށައިއެވެ.

މިއީ މިނިސްޓްރީ އޮފް ފިނޭންސްއިން ދައުލަތުގެ މާލީ ކަންކަން އިތުރަށް ޙަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތުގައި ކުރިއަށްދާން އެޅުނު ފިޔަވަޅެއްކަމަށް ފިނޭންސް މިނިސްޓްރީއިން މައުލޫމާތުދިނެވެ.

ނޭޝަނަލް ޓެންޑަރ މެދުވެރިކޮށް ކުރިއަށްގެންދާ ބީލަންތަކުގެ އިވެލުއޭޝަން މަރުހަލާގެ ޚުލާސާ، މިދިޔަ ހަފުތާ ތެރޭ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ ޝާއިޢުކުރަން ފަށާފައެވެ. މިނިސްޓްރީއިން ބުނީ އިވެލުއޭޝަން މަރުހަލާ ހުލާސާގައި ބީލަމަށް ކުރިމަތިލީ ފަރާތްތަކާ، އެފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކާ އަދި އިވެލުއޭޝަނުން ފާސްވިކަން ނުވަތަ ނުވާކަން އެނގޭނޭހެން ބަޔާންކޮށްފައިވާނޭ ކަމަށެވެ. އަދި ބީލަން ކާމިޔާބުނުވާ ފަރާތްތަކަށް އިވެލުއޭޝަނުން ދަށްވި ސަބަބުގެ ހުލާސާވެސް ހިމަނާފައިވާނެކަމަށާއި މީގެ އިތުރުން މަސައްކަތް އެވޯޑުކޮށްފައިވާ އަގު، މުއްދަތު ހިމެނޭހެން ހުއްދަދީފައިވާ ދުވަހާ ހުއްދަދިން ފަރާތުގެ މައުލޫމާތު ހިމަނާފައިވާނެކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

މިނިސްޓްރީއިން ބުނީ މިވަގުތު މިނިސްޓްރީގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވަނީ ހަމައެކަނި 2020 ގައި ކުރިއަށް ގެންދިޔަ ބީލަންތަކުގެ އިވެލުއޭޝަން ހުލާސާ ކަމަށެވެ. ނަމަވެސް މި ހިނގާ އޮގަސްޓް މަހުގެ ނިޔަލަށް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ މައުލޫމާތު ވަރަށް އަވަހަށް ވެބްސައިތްގައި ޝާޢިއުކުރާނެކަމަށް ފިނޭންސްއިން ބުނެއެވެ.