ވިޔަފާރި

ގުޅީފަޅު ބަނދަރާއެކު ރާއްޖެއަށް ބޭރުގެ ޝިޕިން ލައިންތައް އޮޕަރޭޓްކުރަން މަގުފަހިވާނެ


ގުޅީފަޅުގައި ތަރައްޤީކުރާ ބަނދަރު ނިމުމުން ރާއްޖެއަށް ދުނިޔޭގެ މައި ޝިޕިން ލައިންތަކުން އޮޕަރޭޓްކުރުމަށް މަގުފަހިވެ، އިޤްތިސާދަށް މީގެ ސަބަބުން ކުރިއެރުން ލިބޭނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން، އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގުޅީ ފަޅުގައި ބަނދަރު ތަރައްޤީކުރުމުން ރާއްޖޭގެ އިޤްތިސާދަށް އެކި ގޮތް ގޮތުން ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ. މިގޮތުން ވިޔަފާރިވެރިންނަށް ބޮޑު ފަސޭހަތަކެއް ވާނެކަމަށާއި، މުދަލުގެ އަގުތަކަށް ހެޔޮވުމާއި، ބޭރުގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

"އަލަށް ބަނދަރު ތަރައްޤީކޮށް ހުޅުވުމުން އަޅުގަނޑު ދެކޭ ގޮތުގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އަވަހަށް މުދާ ކްލިއަރކުރެވުން. މުޅިން ތަފްސީލްތައް ނޭގުނަސް، އައު ބަނދަރުގައި އެންމެ ބޯޓެއް ނޫން ތަރައްޤީކުރެވޭނީ. ހަތަރު ފަސް ބޯޓު އެއްފަހަރާއި ކައަރިކުރަން ފުރުސަތު ލިބޭ ވަރުގެ ޖާގަ އެތަނުގައި ހުންނާނެ. މިހެން ކަމަށް ވެއްޖެއްޔާ އުންމީދުކުރެވިދާނެ ބައެއް ބޭރުގެ މެއިން ޝިޕިން ލައިންތައް ރާއްޖެއަށް ސީދާ އޮޕަރޭޓްކުރަން ފުރުސަތު ހުޅުވޭނެ. އޭރުން ވިޔަފާރިވެރިންނަށް މުދާ ގަނެގެން ލަސް ނުވެ މުދާ ގެނެވޭނެ. މިކަމުން ޑައިރެކްޓް ސޭވިންތައް ހެދުމުން މުދަލުގެ އަގު ދަށްވާނެ." ސައީދު ވިދާޅުވިއެވެ.

މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ ޗެއަރމަން އަބްދުލް ވާހިދު މުސާ ވިދާޅުވީ ރާއްޖޭގައި ރަނގަޅު ބަނދަރެއް ނެތުމުން ބޭރުގެ ބޯޓުތައް އަންނަ އަދަދު މަދު ކަމަށެވެ. އަދި އައު ބަނދަރާއިއެކު މިކަން ބަދަލުވެ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ބޯޓުތަކަށް ގިނަ ހިދުމަތްތަކެއް ދެވޭ ހަބަކަށް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޖޮއިގްރަފިކަލީ ރާއްޖެ މީންނަ ލޮކޭޝަނަކީ ޓްރާންސް ޝިޕްމަންޓް ބަދަނރަކަށް އެންމެ ރަގަނޅު ލޮކޭޝަން. މެއިން ޝިޕިން ރޫޓްސްތަކުގެ މެދުގައި އިންނަ ޤައުމެއް ރާއްޖެއަކީ. އެކަމަކު އަޅުގަނޑުމެންނަށް މިކަހަލަ އިންވެސްޓްމަންތައް އަންނަވީ ވަގުތު ނައިސް ލަސްވެފައިވާތީ، ޑިވެލޮޕް ކުރެވެން ހުރި ބައެއް ވިޔަފާރިތައް މިއަދާ ހިސާބަށް އައިއިރުވެސް ޑިވެލޮޕް ނުކުރެވި ހުރީ. ބަންކަރިން ހަބަކަށް ރާއްޖެ ހެދިދާނެ. އަޅުގަނޑުމެންގެ އައު ޕޯޓާއިއެކު އިތުރު ބޯޓުތައް ރާއްޖެ އަންނާނެ. އިތުރު ވިޔަފާރިތަށް، އިންޑަސްޓްރީތަށް ރާއްޖެއަށް ތައަރަފްކުރަން ފުރުސަތު ފަހިވާނެ. ބަންކަރިން، ޝިޕްޖޭންގްލިން ނާއި، ޝިޕް ސާރވޭ، އަދި އެހެން ހިދުމަތްތައް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބިގެންދާނެ" ވާހިދު ފާހަގަކުރިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ އެމްޑީ އަދި ޗެއަރމަން ދެބޭފުޅުންވެސް ވަނީ ރާއްޖޭގެ މިހާރު ބަދަނރުގެ ހާލަތު ހުރި ގޮތުން ދިމާވާ ގޮންޖެހުންތަކަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ވަސީލަތްތައް މަދުވުމުން މުދާ އުފުލާ ބޯޓުތަކުން ކޮންޓެއިނަރ ހުސްކުރުމުގައި ލަސްވެ، ވިޔަފާރިވެރިންނަށް ހަރަދުބޮޑުވެ، މުދަލުގެ އަގު މަތިވާކަމަށް ދެބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން އައު ބަނދަރު ބޭނުންކުރަން ފެށުމުން ހައްލުވާނެކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭ ޙިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.