ކުޅިވަރު

ނަތީޖާ އިންސާފުވެރިއެއް ނޫން، އަހަރެމެން މަސައްކަތްކުރިން: ގާސިއާ


މެޗުގެ ނަތީޖާ އިންސާފުވެރިނޫންކަމަށާއި އޮލިމްޕިކް ލިޔޯންއިން މެޗުގައި ރަނގަޅު ކުޅެމެއް ދެއްކި ކަމަށް އެޓީމުގެ ފްރާންސް ކޯޗު ރުޑީ ގާސިއާ ބުނެފިއެވެ.

ގާސިއާ ބުނީ މެޗުގެ ކުރީކޮޅު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ބަޔާން މިއުނިކުން އެކަމުގެ ފައިދާ ނެގިކަމަށެވެ. އޭނާ ބުނީ މުބާރާތުގައި މިހިސާބަށް ލިޔޯންއެކު ކުރި ދަތުރާއި މެދު ފަހުރުވެރިވާކަމަށާއި އެހެންނަމަވެސް މި ނަތިޖާއިން މާޔޫސްކަން ގެނުވިކަމަށެވެ. މުބާރާތުގެ ފައިނަލުގައި އަމިއްލަ ގައުމުގެ ކުލަބެއް ގޮވައިގެން ވާދަކުރުމުގެ އުންމީދުގައި ހުރި ކޯޗު ބުނީ 2-0 ނަތީޖާ ބަދަލުވެގެން ދިޔަނަމަވެސް މެޗުގެ ދެވަނަ ހާފުގައި ވެސް ނިކުތީ ހިތްވަރު ދޫކޮށްލުމެއް ނެތި މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.

އޭނާ ބުނި ފައިނަލަށްދާން ބޭނުންކަމުގައި ވަނީނަމަ މިފަދަ މެޗުތަކުގައި ލަނޑުވެސް ޖަހަންޖެހޭކަމަށާއި އެކަން ނުވުމުން މެޗުން ބަލިވީކަމަށެވެ. އޭނާ ބުނީ ޓީމު އޮތް ރަނގަޅު ހާލަތާއެކު އަންނަ ސީޒަނާ ކުރިމަތިލާންވީ ވަގުތަކީ މިއީ ކަމަށާއި މިފަދަ މެޗުތަކުން ލިބުނު ތަޖުރިބާތައް އަންނަ ސީޒަނުގެ މެޗުތަކުގައި ބޭނުން ހިފާނެކަމަށް ލިޔޯންގެ ކޯޗު ގާސިއާ ބުންޏެވެ.