ކުޅިވަރު

ޗެމްޕިއަންސް ލީގު: ފައިނަލުގެ ފަހު ޖާގަ ބަޔާން މިއުނިކުން ހޯދައިފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ބަޔާން މިއުނިކުން ކަށަވަރުކޮށްފިއެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭގެ ފްރާންސްގެ ލިޔޯންގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. މި ނަތީޖާއާއެކު މި މުބާރާތުގެ ފައިނަލުގައި އާދީއްތަ ދުވަހުގެރޭ ބަޔާން ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އަލަށް ދަތުރުކުރި ޕީއެސްޖީއާއި ދެކޮޅަށެވެ.

ޗެމްޕިއަންސް ލީގު މިހާތަނަށް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ބަޔާން މިއުނިކް މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ސްޕެއިންގެ ބާސެލޯނާ ލަދުވެތިގޮތަކަށް ބަލިކުރުމަށްފަހުއެވެ. އެގޮތުން ކުއާޓާ ފައިނަލް މެޗުގައި ބަޔާނުން ބާސެލޯނާގެ މައްޗަށް ކުރިހޯދީ 2-8 ގެ ނަތީޖާއަކުންނެވެ.

ލިޔޯން މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ 1-3 އިން ބަލިކުރުމަށްފަހުއެެވެ. ލިޔޯން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރީ 2010 ވަނަ އަހަރުއެވެ. އެ ފަހަރުވެސް ސެމީ ފައިނަލްގައި ލިޔޯން ނުކުތީ ބަޔާން މިއުނިކާ ދެކޮޅަށެވެ. ބަޔާން ވަނީ އެ ފަހަރު ދެ ލެގުގެ އެގްރިގޭޓް ކަމަށްވާ 4-0 އިން ލިޔޯންގެ މައްޗަށް ކުރި ހޯދާ ފައިނަލަށް ދަތުރުކޮށްފައެވެ.

ލިޔޯން އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު ފަށައިގެން ލިޔޯންގެ މެމްފިސް ޑިޕާއި އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ބޭރަށް ދިޔައިރު އޭގެ ފަހުން އެ ޓީމުގެ ކާލް ޓޯކޯ އެކަމްބީ ބަޔާންގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއަށެވެ.

ރޭގެ މެޗުގައި ބަޔާން އިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖަހައިފައިވަނީ ސާޖް ގެނެބްރީއެވެ. މި މެޗުގައި ބަޔާން އިން ޖެހި ތިން ވަނަ ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ފޯވާޑް ރޮބާޓް ލެވަންޑޮސްކީއެވެ. މިއީ މިފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލެވަންޑޮސްކީ ޖެހި 15 ވަނަ ލަނޑެއެވެ. ބަޔާންގެ ތިންވަނަ ލަނޑު ޖެހުމުގެކުރިން، އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ކުޓީނިއޯ ލިޔޯންގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމައިފައެވެ.

މިއީ ބަޔާން މިޔުނިކުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި 11 ވަނަ ފަހަރެވެ.

ކޯވިޑް-19ގެ ސަބަބުން ބައެއް ބަދަލުތައް މުބާރާތައް ގެނެސްފައިވުމުން ކުއަޓަރަ ފައިނަލުން ފެށިގެން ހުރިހާ މެޗެއް އެއް ލެގުގެ އުސޫލުން ކުރިއަށްގެންދަނީ ޕޯޗުގަލްގެ ލިޒްބަންގައެވެ.