ޚަބަރު

ރައީސް ނަޝީދު ލިޔުއްވާފާއިވާ ތާރީޚީ ފޮތް "ދެ ރަދުން" ނެރެފި


ދިވެހި ތާރީޚުގެ ގިނަ ވާހަކަތަކާއިއެކު ރައީސް މުޙައްމަދު ނަޝީދު ލިޔުއްވި "ދެރަދުން" ފޮތް ނެރެފިއެވެ.

"ދެރަދުން" މި ފޮތަކީ 1800 އިން، 1900އަށް ދިވެހި ޤައުމުގެ ހިންގުމުގެ ކަންކަމާއި، އިންޑިއާ ކަނޑުގައި ދިވެހިންގެ ހަރަކާތްތެރިކަން ހުރި ގޮތަށް ބައްލަވައި ލިޔުއްވާފައިވާ ފޮތެކެވެ.

ފޮތް ނެރެދެއްވައި ފުރަތަމަ ވިކުނު ކޮޕީތަކުގައި ރައީސް ނަޝީދު ވަނީ ސޮއިކުރައްވާފައެވެ. މިކަމަށްޓަކައި ނޮވެލްޓީ ބުކްޝޮޕްގައި ބޭއްވި ރަސްމިއްޔާތުގައި 60 އަށްވުރެ ގިނަ ފޮތްވަނީ ވިކިފައެވެ. އަދި އެ ކޮޕީތަކުގައި ރައީސްނަޝިދުވަނީ ސޮއިކުރައްވާފައެވެ.

235 ސަފުހާގެ މިފޮތަކީ ދިވެހި ތާރީޚާއި ގުޅޭގޮތުން އެމަނިކުފާނު ކުރެއްވި ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ.

ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފޮތުގައި ރާއްޖެފަދަ ކުދި ޤައުމުތަކާތާއި، އަދި ދުޝްމިނުންގެ ކިބައިން ޤައުމުގެ ޙިމާޔަތްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތައް އެމަނިކުފާނު ކުރެއްވި ދިރާސާގެ އަލީގައި ކިޔައިދެއްވާފައި ވާނެކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ އަވަށްޓެރި ކުދި ޤައުމުތަކާއި އެއްހަމައެއްގައި، ޤައުމު ޙިމާޔަތްކުރުމަށް މަސައްކަތްކުރި ޤައުމެއްކަމަށެވެ.

މި ފޮތުގައި ވަނީ އެދުވަސްވަރު ވިޔަފާރީގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކެއިންބުއިމުގެ ކަންކަން ހުރިގޮތާއިގުޅޭ ތަފްސީލް މަޢުލޫމާތުތަށްވެސް ހިމަނާފައެވެ.

"ރާއްޖޭގެ އޭރުގެ ވެރިކަންތަކާއި، ވެރިކަން ބަދަލުވެގެން އައިގޮތްތަށް ހިމަނާފައިވާނެ. އަދި މާލެއާއި އަތޮޅުތަކުގެ އާބާދީގެ އަންދާޒާތަކުގެ މަޢުލޫމާތުވެސް ހިމެނޭ." ރައީސް ނަޝީދު ވިދާޅުވުއެވެ.

މިފޮތުގައި ވަނީ ރާއްޖޭގެ ދަތުރުފަތުރާއި ގުޅޭ މަޢުލޫމާތާއި، ރާއްޖެއާއި ބަންގާޅާއި ދެމެދު އޭރު ދަތުރުކޮށް އުޅުނުގޮތާއިގުޅޭ މަޢުލޫމާތުވެސް ހިމަނާފައެވެ.

"ދެރަދުން" ފޮތުގައި ރައީސް ނަޝީދު ސޮއިކުރެއްވުމުގެ ހަރަކާތް ފޮތް ވިއްކާ ފަސް ފިހާރައެއްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.