ޚަބަރު

ވ ތިނަދޫން ދެމީހަކު ޕޮޒިޓިވްވެއްޖެ


ވ ތިނަދޫން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ، މިއަދު ކޯވިޑް-19އަށް ވ ތިނަދޫން ޕޮޒިޓިވްވެފައި ވަނީ ދެ ދިވެހިންކަމަށެވެ. މިގޮތުން އެރަށުން ޕޮޒިޓިވްވެފައި ވަނީ އުމުރުން، 36 އަހަރުގެ އަންހެނަކާއި ފިރިހެނެއް ކަމުގައި އެޗްއީއޯސީން ވިދާޅުވެފައި ވެއެވެ.

ވ ތިނަދޫއިން ޕޮޒިޓިވްވި ދެމީހުންނަކީ، ފުރަބަންދުގެ ކަރަންޓީނުގެ މުއްދަތު ހަމަވެގެން ކަރަންޓީނުން ދޫކޮށްލުމަށް ޓެސްޓު ކުރި ދެމީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ އަތޮޅުތަކުގެ 18 ރަށެއްގަޔާއި، 13 ރިޒޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިއްބެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 6000އަށް ވުރެ މައްޗަށް އަރާފައެވެ. އިއްޔެ އެކަނިވެސް 170 މީހުން ޕޮޒިޓިވްވެފައި ވެއެވެ.