ކުޅިވަރު

އުމެއިރު އަނެއްކާވެސް މާޒިޔާއަށް


ގައުމީ ޓީމުގެ މިޑްފިލްޑަރު މުޙައްމަދު އުމެއިރު އަލުން މާޒިޔާއާއި ގުޅިއްޖެއެވެ.

އުމޭރު އަލުން މާޒިޔާ އާއި ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އުމެއިރުވަނީ މީގެ ކުރިންވެސް މާޒިޔާއަށް ދެފަހަރެއްގެމަތިން ކުޅެފައެވެ.

ފާއިތުވި ސީޒަންގައި ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ބޭންޑު އަޅައިގެން ފެނުނު އުމެއިރު ތިންވަނަފަހަރަށް މާޒިޔާއާއި ގުޅުނުއިރު އޭނާއަކީ، މާޒިޔާއިން މިހާރު ތައްޔާރުވަމުން އަންނަ އޭއެފްސީ ކަޕުގެ ތަޖުރިބާވެސް ބޮޑު ކުޅުންތެރިއެކެވެ. އެގޮތުން އުމެއިރަކީ މިހާތަނަށް ދިވެހި ކުލަބެއް އޭއެފްސީ ކަޕުގެ އެންމެ ދުރަށް ދަތުރުކުރިއިރު އެޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެއީ 2013 ވަނަ އަހަރު އޭއެފްސީކަޕުގެ ކުއާޓާ ފައިނަލާއި ހިސާބަށް ނިއުރޭޑިއަންޓް ދަތުރުކުރިއިރު އެކުލަބުގެ މިޑްފިލްޑަރެއްގެ ގޮތުގައެވެ. އޭގެފަހުން 2017 ވަނަ އަހަރު މާޒިޔާ އާއިއެކުވެސް އޭނާވަނީ އޭއެފްސީކަޕުގައި ވާދަކޮށްފައެވެ.

އުމެއިރު އެންމެ ފުރަތަމަ މާޒިޔާއާއި ގުޅުނީ 2011 ވަނަ އަހަރުއެވެ. އެފަހަރު އޭނާވަނީ އެކުލަބާއެކު އެފްއޭކަޕް ކާމިޔާބުކޮށްފައެވެ. އޭގެފަހުން ދެވަނަ ފަހަރަށް އޭނާ މާޒިޔާ އާއި ގުޅުނީ 2015 ވަނަ އަހަރުއެވެ. ދެވަނަ ފަހަރަށް މާޒިޔާއާ ގުޅުމަށްފަހު މާޒިޔާގެ ކެޕްޓަން ބޭންޑު އަޅައިގެންވެސް ބައެއް މެޗުތަކުގައި ކުޅެފައިވާ އުމެއިރު ވަނީ އެކުލަބާއެކު 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕާއި، 2016 ވަނަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގާއި، 2017 ވަނަ އަހަރުގެ އެސްޓީއޯ މާލޭ ލީގުވެސް ކާމިޔާބު ކޮށްފައެވެ.

އޭއެފްސީކަޕުގެ ގްރީޕް ސްޓޭޖުގައި ބާކީހުރި މެޗުތަކަށް ތައްޔާރުވުމަށް މާޒިޔާއިންވަނީ އެކުލަބުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ ލިލީ އާއި ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓްގެ ކޮންޓްރެކްޓްވެސް އައުކޮށްފައެވެ. އަދި ތަޖުރިބާކާރު ކޯޗް ނިޒާމްބެގެ ސޮއެވެސް ހޯދާފައެވެ.

މުބާރާތުގެ ގުރޫޕް އީގައި މިހާތަނަށް މާޒިޔާ ކުޅެފައިވަނީ އިންޑިއާގެ ޗެންނާއި އެފްސީއާ ދެކޮޅަށް ވާދަކުރި މެޗެވެ. އެމެޗު ނިމުނީ ދެޓީމު އެއްވަރުވެގެންނެވެ. ބާކީ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.