ޚަބަރު

ގދ ތިނަދޫގައި ފުލުހެއްގެ ސައިކަލު އަންދާލި ބަޔަކު ހައްޔަރުކޮށްފި


ގދ ތިނަދޫގައި ބަޔަކު ފުލުހެއްގެ ސައިކަލެއްގައި ރޯކޮށް އަންދާލައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ސައިކަލުގައި ރޯކޮށް އަންދާލާފައި ވަނީ، މިދިހަ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މިގޮތުން ސައިކަލުގައި ރޯކޮށްލާފައި ވަނީ، ފުލުސް މީހާ ދިރިއުޅޭ ގޭގެ ކައިރީގައި ހުރި ޕާކިންގ ޒޯނެއްގައި ސައިކަލު ހުއްޓައި، އެތަނުން ސައިކަލު ވަގަށް ނަގައިގެން ތިނަދޫގެ ހުޅަނގުފަރާތުން އަތިރިމައްޗަށް ގެންދިޔުމަށްފަހު އެތަނުގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން، 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 18 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމުގައި ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ތިން މީހުންގެ ތެރެއިން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޮގަސްޓް މަހުގެ 18 ވަނަ ދުވަހުގެރޭ 19:00 އެހާކަންހާއިރުގައި ކަމަށެވެ.

މިމައްސަލާއާ ގުޅުންހުރިކަމުގެ ތުހުމަތުގައި 22 އަހަރުގެ މީހާ އާއި 18 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ.

މިމައްސަލަ ފުލުހުންގެ އިދާރާއިން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.