ޚަބަރު

މުޅިން އަލަށް ސިއްޙީ މަރުކަޒެއްގައި ދަތުގެ ފަރުވާ ފަށައިފި


ފުރަތަމަ ފަހަރަށް ރާއްޖޭގެ ސިއްޙީ މަރުކަޒެއްގައި ފަށާ ދަތުގެ ފަރުވާ މާފުށީ ސިއްޙީ މަރުކަޒުގައި ފަށައިފިއެވެ.

މާފުށީ ސިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲއާއި، ހެލްތް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މާފުށީ ސިއްޙީ މަރުކަޒާއި ކައުންސިލްގެ ފަރާތުންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ދަތުގެ ފަރުވާއަކީ ސްޕެޝަލިސްޓް ޚިދުމަތަކަށްވާއިރު އެ ޚިދުމަތަށް ބޭނުންވާ ޑެންޓަލް ޔުނިޓާއި، ދަތުގެ އެކްސްރޭނެގޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ އެއްމެ އަސާސީ ސިއްޙީ ޚިދުމަތްތައް ފިޔަވައި ހުރިހާ ސިއްހީ ޚިދުމަތެއް ހޯދުމަށް މުޅި މާލެ ސަރަޙައްދުގެ ހުރިހާ ރައްޔިތުން ބަރޯސާވަނީ މާލެއަށްކަމަށެވެ. މިފެށި ޚިދުމަތާއެކު މާލެއަށްދާން ނުޖެހުމާއި، ރަށުގައި ތިބެގެން އަގުހެޔޮކޮށް ޚިދުމަތް ލިބުމަކީ މާފުށީގެ ރައްޔިތުންގެ އިތުރުން މުޅި އަތޮޅުގެ ރައްޔިތުންނަށްވެސް ލިބޭ ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލެ އަތޮޅުގައި މާލެ ފިޔަވައި އިތުރު 9 ރަށް އޮތްއިރު އެއްވެސް ރަށެއްގެ ހެލްތް ސެންޓަރެގައި ސްޕެޝަލިސްޓް ޑޮކްޓަރެއްވެސް، އެކްސްރޭގެ ޚިދުމަތެއްވެސް ނުލިބެ. މުޅިންވެސް ޚިދުމަތަށް ބަރޯސާވަނީ މާލެއަށް. އެހެންވީމަ މި ލިބުނީ މި އަތޮޅުގެ ރައްޔިތުން ވަރަށް އެދިއެދި ހުރި ޚިދުމަތެއް." އުސްމާން ރަޝީދު ވިދާޅުވިއެވެ.

މާފުށީގެ އާބާދީގައި 2000މީހުން އުޅުނުނަމަވެސް، ފަތުރުވެރިކަމުގެ ވިޔަފާރީގެ އިތުރުން އެރަށަކީ ރާއްޖޭގެ މައި ޖަލު ހުންނަ ރަށަށްވާތީ ސިއްޙީ ޚިދުމަތް ފުޅާކުރުން ވަރަށް މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މި މަސައްކަތަކީ ޚިދުމަތްތައް ލާމަރުކަޒީކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެއްކަމަށެވެ. ޚާއްސަކޮށް ޖަލުގައި ތިބި މީހުންނަށް ފަރުވާދިނުމަށް މާލެ ގެނައުމަށް ކަރެކްޝަނަލް ސަރވިސްއިން ކުރާ މަސައްކަތަށް ބޮޑު ލުޔެއްލިބޭނެކަން ފާހަގަކުރެއްވިއެވެ.

"ސިއްޙީ ޚިދުމަތް އަތޮޅުތަކުގައި ފުޅާކުރުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒު. ޚާއްސަކޮށް ޚަރަދު ކުޑަކޮށް ޚިދުމަތް ދިނުމާއި، މާލެއައިސް އުފުލަންޖެހޭ ތަކުލީފު ކުޑަކުރުން. މި ޚިދުމަތާއެކު ގައިދީން މާލެ ގެނެސް ފަރުވާ ދިނުމުގެ ލުއިކަން ކަރެކްޝަނަލްއަށްވެސް ވަރަށް ބޮޑަށް ލިބޭނެ." އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ދަތާއި އަނގައިގެ ބަލިތަކަކީ ދިވެހިންގެ ތެރޭގައި ޢާއްމު ބަލިތަކެކެވެ. މިފަދަ ޚިދުމަތްތަކާއެކު ބަލިތަކުން ރައްކާތެރިވުމާއި، ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި ރާއްޖޭގައި އާއްމުވަމުން އަންނަ އަނގައިގެ ކެންސަރުފަދަ ބަލިތަކުން މުޖުތަމަޢު ރައްކާތެރިވުމަށް މަގުފަހިވާނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖޭގައި މިހާރުވެސް 16އަތޮޅަކުން ދަތުގެ ފަރުވާ ލިބެއެވެ. އަދި ސަރުކާރުން ރާއްޖޭގައި 5ސަރަޙާއްދުގައި ހަދާ ޓަރޝަރީ ހޮސްޕިޓަލްތަކާއިއެކު މި ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަމަށް ހެލްތް މިނިސްޓްރިން ވިދާޅުވެއެވެ.