ސިއްހަތު

3 މެޑިކަލް ކައުންސިލަކަށް މެމްބަރުން އައްޔަންކުރަނީ


ހެލްތް މިނިސްޓްރީގެ 3 މެޑިކަލް ކައުންސިލަކަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އިއްޔެ ހެލްތު މިނިސްޓްރީގައި ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ފުޅުދައްކަވަމުންނެވެ. ސިއްޙީ ޚިދުމަތް ދިނުމާ ބެހޭ ސްޓޭންޑަޑްތައް ބަޔާންކޮށް ކަނޑައަޅަންޖެހޭ މެޑިކަލް ކައުންސިލްތަކަކީ ނާރސިން ކައުންސިލާއި، މެޑިކަލް ކައުންސިލްގެ އިތުރުން އެލައިޑް ހެލްތު ކައުންސިލްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކައުންސިލްތަކަށް މެމްބަރުން އައްޔަންކުރުމަށްޓަކައި އިއުލާން ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. ކައުންސިލުތައް އައްޔަންކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޤާނުނުގައިވާ ގޮތުގެ މަތިން ކައުންސިލުތަކަށް މެމްބަރުން ހަމަޖެހިގެން ދިއުމުން އެކި މައްސަލަތަކުގައި އެބޭފުޅުން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކައުންސިލުތަކުން މާލެއާއި އަތޮޅުތެރޭގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަން މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ކުރަމުންދާނެކަމަށް ހެލްތު މިިނިސްޓްރީން މައުލޫމާތުދެއެވެ.