ކުޅިވަރު

އަހަރަމެންގެ އަސްލުކުޅުމެއް އަދި ނުދެއްކޭ: ނާގަލްސްމަން


ލިބުނު ބޮޑު ބްރޭކަށްފަހުން އަލުން ފުޓްބޯޅަ ފެށިއިރު ޖަރުމަނުގެ އާރްބީ ލިޕްޒިގަށް އެޓީމުގެ އަސްލު ކުޅުން ނުދެއްކޭކަމަށް އެޓީމުގެ ކޯޗު ނާގަލްސްމަން ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަ ދައްކަމުން ނާގަލްސްމަން ބުނީ ކާމިޔާބު ހޯދުމަށް ކުޅުންތެރިން ބޭނުންވެފައިވާ މިންވަރު ކުޅުންތެރިންގެ މޫނުމަތިން ފެންނަމުންދާކަމަށާއި ކާމިޔާބު ހޯދޭނެ ފެންވަރު އޭނާގެ ޓީމުގައި އެބަހުރިކަމަށެވެ.

އުމުރުން 33 އަހަރުގެ ޒުވާން ކޯޗު ބުނީ ކުރިޔަށް ދެން އަޅަންއޮތް ފިޔަވަޅަށް މުޅި ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އޭނާ ބުނީ އެންބާޕޭއާއި ނޭމާ ފަދަ ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ކުޅޭ ކުޅުންތެރިންކަމަށާއި އެފަދަ ތަރިން ހިމެނޭ ޓީމެއް ހުއްޓުވަން ޖެހޭނީ ޓީމު އެކީގައި މަސައްކަތް ކޮށްގެންކަމަށެވެ. މި ސީޒަނުގައި ޓީމުގެ ކޯޗުކަމާ ހަވާލުވި ނާގަލްސްމަން ބުނީ ޕީއެސްޖީގެ އެޓޭކްތައް ނުރައްކާވާނެ ކަމަށާއި ޓީމުގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭނީ މުޅި ޓީމު އެކީގައި ކަމަށެވެ.

އޭނާ ބުނީ މެޗު އުނދަގޫވި ނަމަވެސް މަސައްކަތް ކުރެވިއްޖެނަމަ ޕީއެސްޖީއަށް ރަނގަޅު ޕްރެޝަރެއް ދެވިދާނެކަމަށެވެ. ނާގަލްސްމަން ބުނީ ފުޓްބޯޅަ ޝައުގުވެރިވަނީ ދެޓީމުން ވެސް އެޓޭކިން ފުޓްބޯޅަކުޅުމުން ކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ސެމީ ފައިނަލުގައި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އާއި ވާދަކުރަން ޖެހިދާނެކަމަށް އޭނާއަށް ގަބޫލުވެސް ނުކުރެވޭކަމަށެވެ. ޓުޗެލްއަކީ ނާގަލްސްމަންގެ ކުރީގެ ކޯޗެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ލިޕްޒިގާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.